ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައިފި

ސަރުކާރު ފަރާތުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަންބަރު 79/31) އަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 7 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މިބިލު ފާސްކުރައްވާފައިވަނީ 34 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 19 މެންބަރުންނެވެ.

މިބިލުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ މުޅި މަޖިލީހުގެ ކޮމިޓީގެ ރިޔާޞަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެވެ. މިބިލަށް 11 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޭޕްރީލް 2014 ވާ ހޯމަ ދުވަހުގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 24 އޭޕްރީލް 2014 ވާ ބުރާސްފަތިދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

21 އޭޕްރީލް 2014