“މެރިޓައިމް ލޭބަރ ކޮންވެންޝަން 2006” ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވައިފި

“މެރިޓައިމް ލޭބަރ ކޮންވެންޝަން 2006” ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި ރުހުން ދެއްވައިފިއެވެ.

“މެރިޓައިމް ލޭބަރ ކޮންވެންޝަން 2006” ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރުހުން ދެއްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/11) އަށް އިޞްލާޙުގެނައުމުގެ ބިލު 7 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް އަދި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/8) އަށް އިޞްލާޙު ގެނައުމުގެ ބިލު  އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައި މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލަށް 10 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭންބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 71/78) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް އަދި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަންބަރު 31/79) އަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީގެ ކުޑަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ހުށަހެޅުވުމުގެ މަސައްކަތް މުޅި މަޖިލީސް އެކުގައި ކޮމިޓީއަށް ދިޔުމަށްފަހު މިއަދު ކުރިއަށް ގެންދަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 21 އޭޕްރީލް 2014 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

14 އޭޕްރީލް 2014