18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އިންތިޚާބު ކުރުން 28 މެއި 2014 ވާ ބުދަ ދުވަހު ބާއްވަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަމަޖައްސަވައިފި

18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އިންތިޚާބު ކުރުން 28 މެއި 2014 ވާ ބުދަ ދުވަހު ބާއްވަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަމަޖައްސަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުވާ މީހަކު އެ މަޖިލީހުގެ މެންބަރު ކަމުގެ މަޤާމް ފުރަން ފެށުމުގެ ކުރިން އުއްތަމަ ފަނޑިޔާރުގެ ކުރިމަތީގައި ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވައި ކޮށް އެ ހުވައިގެ އިޤްރިރާރުގައި ސޮއިކުރައްވާނެ ކަމުގައެވެ.

އަދި ޤާނުނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޢުމުރަކީ، މަޖިލިސް އިންތިޚާބު ކުރުމަށްފަހު ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަސް ކަމުގައެވެ. އަދި އެމުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމުގައެވެ. އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނެ ކަމުގައެވެ.

ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވަނީ ޢާންމު އިންތިޚާބަށް ފަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެމަޖިލީހުގެ ރައީސަކާއި ނައިބު ރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބު ކުރަން ވާނެ ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 208 ވަނަ މާއްދާގެ (ހ) ގައި ވަނީ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުވާ މެންބަރުން ޤާނޫނު އަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުރަންޖެހޭ މަޖިލީހުގެ މެންބަރު ކަމުގެ ޤާނޫނީ ހުވައި ކުރުމުގެ އިންތިޒާމް މަޖިލީހުގެ ރައީސް ހަމަޖައްސަވަން ވާނެ ކަމުގައެވެ.