ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާ އަންނަ ހޯމަދުވަހު ބާއްވަވާގޮތަށް ހަމަޖައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާ 14 އޭޕްރީލް 2014 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައި ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.

އެދުވަހުގެ ޖަލްސާގެ އެޖެންޑާގައި ޕޮލިސް އިންޓިގްރިޓީ ކޮމިޝަނަށް މެންބަރަކު އައްޔަނު ކުރެއްވުމުގެ މައްސަލައިގެ ރިޕޯޓާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރުމުގެ މައްސަލައިގެ ރިޕޯޓާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރުމުގެ މައްސަލައިގެ ރިޕޯޓު ތަކުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭންބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 71/78) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް އަދި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަންބަރު 31/79) އަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީގެ ކުޑަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ހުށަހެޅުވުމުގެ މަސައްކަތް މުޅި މަޖިލީސް އެކުގައި ކޮމިޓީއަށް ދިޔުމަށްފަހު ކުރިއަށް ގެންދެވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

9 އޭޕްރީލް 2014