ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހަށް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހަތަރުވަނަ ޖަލްސާގައި ފާސްކުރެއްވި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2010) އަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު މިއަދު ފޮނުއްވައިފިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައިވަނީ 11 ޖޫން 2013 ގައި ބޭއްވުނު ދެވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާގައެވެ. އަދި، އެ ބިލު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވުމަށްފަހު ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 24 މާޗް 2014 ވަނަ ދުވަހުއެވެ. އަދި ކޮމިޓީން ގެނެވުނު އިޞްލާޙުތަކާއެކު ބިލު ފާސްކުރައްވާފައިވަނީ  31 މާޗް 2014 ގައި ބޭއްވުނު މިދައުރުގެ ހަތަރުވަނަ ޖަލްސާގައެވެ. މި ބިލު ފާސްކުރައްވާފައިވަނީ 34 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.