ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހަށް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހަތަރުވަނަ ޖަލްސާގައި ފާސްކުރެއްވި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް (ޤާނޫނު ނަންބަރު 6/94) އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު މިއަދު ފޮނުއްވައިފިއެވެ.

އުގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައިވަނީ 21 ޖޫން 2010 ގައި ބޭއްވުނު ދެވަނަ ދައުރުގެ ހަތްވަނަ ޖަލްސާގައެވެ. އެ ބިލު އިޖްތިމާޢީ ކޮމިޓީގެ ދިރާސާކުރައްވައި ނިންމެވުމަށްފަހު ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 31 މެއި 2014 ވަނަ ދުވަހުއެވެ. އަދި ކޮމިޓީން ގެނެވުނު އިޞްލާޙުތަކާއެކު ބިލު ފާސްކުރައްވާފައިވަނީ ހަމައެދުވަހު ބޭއްވުނު ޖަލްސާގައެވެ. މި ބިލު ފާސްކުރައްވާފައިވަނީ 33 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.