ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަސްވަނަ ޖަލްސާގައި ފާސްކުރެއްވި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ބިލު ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ފޮނުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފިނާންސްކުރުން ހުއްޓުވުމުގެ ބިލު ދިރާސާކޮށް ފުރިހަމަކުރުމަށްޓަކައި ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 07 އޮކްޓޯބަރ 2013 ގައެވެ. އަދި އިއްޔެ މި ބިލު ފާސްކުރައްވާފައިވަނީ 53 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
މިބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމާއި އެއާގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ސިޔާސަތުތަކާއި އުސޫލުތައް އެކަށައަޅައި ހިންގުމާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ޙަރަކާތްތައް ދެނެގަންނާނެ އުސޫލުތައް އެކަށައަޅައި ހިންގުމާއި، މަނީ ލޯންޑްރިންގގެ ޙަރަކާތްތަކާއި، ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ޙަރަކާތްތައް ހިންގާ ފަރާތްތައް ދެނެގަނެ، އެފަދަ މައްސަލަތައް ތަޙްޤީޤުކޮށް، އެފަދަ ޙަރަކާތްތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާއި އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާ ގުޅޭގޮތުން، މާލީ އިދާރާތަކާއި ރިޕޯޓްކުރަންޖެހޭ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި ސުޕަވައިޒްކޮށް ރެގިއުލޭޓްކުރާ ފަރާތްތަކުގެ ދައުރާއި ޒިންމާތައް ކަނޑައެޅުން ހިމެނެއެވެ.
2 އޭޕްރީލް 2014