މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ބިލު ފާސްކުރައްވައިފި

_CHR1256 މިއަދު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ 53 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި ވަކިގޮތަކަށް ވޯޓުދޭންބޭނުންނުވާކަމަށް އެއްމެންބަރަކު ވޯޓު ދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކޮމިޓީގެ މުޤައްރިރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުއެވެ. އަދި، މިރިޕޯޓަށް ބަހުސް ކުރެއްވުމަށް ފުރުޞަތު ހުޅުވާލެއްވުމުން 7 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މިބިލު މަޤްޞަދުތަކުގެ ތެރޭގައި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް  ފައިނޭންސްކުރުމާއި އެއާގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ސިޔާސަތުތަކާއި އުސޫލުތައް އެކަށައަޅައި ހިންގުމާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ޙަރަކާތްތައް ދެނެގަންނާނެ އުސޫލުތައް އެކަށައަޅައި ހިންގުމާއި، މަނީ ލޯންޑްރިންގގެ ޙަރަކާތްތަކާއި، ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ޙަރަކާތްތައް ހިންގާ ފަރާތްތައް ދެނެގަނެ، އެފަދަ މައްސަލަތައް ތަޙްޤީޤުކޮށް، އެފަދަ ޙަރަކާތްތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާއި އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާ ގުޅޭގޮތުން، މާލީ އިދާރާތަކާއި ރިޕޯޓްކުރަންޖެހޭ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި ސުޕަވައިޒްކޮށް ރެގިއުލޭޓްކުރާ ފަރާތްތަކުގެ ދައުރާއި ޒިންމާތައް ކަނޑައެޅުން ހިމެނެއެވެ.

“މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފިނާންސްކުރުން ހުއްޓުވުމުގެ ބިލު” ދިރާސާކޮށް ފުރިހަމަކުރުމަށްޓަކައި ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 07 އޮކްޓޯބަރ 2013 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

1 އޭޕްރީލް 2014