ޤާނޫނުލްއުޤޫބާތުގެ ބިލު ފާސްކުރައްވައިފި

_CHR1032 މިއަދު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި،  “ޤާނޫނުލްއުޤޫބާތުގެ ބިލު” ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީން އެބިލު ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ 49 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ އެއް މެންބަރެކެވެ. އަދި ވަކިގޮތަކަށް ވޯޓުދޭންބޭނުންނުވާކަމަށް 3 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

“ޤާނޫނުލްއުޤޫބާތުގެ ބިލު” ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައިވަނީ 14 އޮކްޓޯބަރ 2009 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 50 ވަނަ ޖަލްސާގައެވެ. 29 ޑިސެމްބަރ 2013 ވަނަ ދުވަހު އެބިލު ދިރާސާކުރައްވައި، ނިންމެވުމަށްފަހު ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުން، އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށްވަނީ ފާސްކުރައްވާފައެވެ. އަދި ކޮމިޓީން އަލުން ބިލު ދިރާސާކުރައްވައި، ބިލާ މެދު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް މިއަދު މަޖިލީހަށްވަނީ ހުށަހަޅުއްވާފައެވެ. މިރިޕޯޓް ހުށަހަޅުއްވާފައިވަނީ ކޮމިޓީގެ ނައިބު މުޤައްރިރު ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު މުޙައްމަދުއެވެ.

އަދި މިއަދުގެ ޖަލްސާގައި މިރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުން 5 މެންބަރުން ވާހަކަފުޅުދައްކަވާފައިވެއެވެ.