ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/11) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.
މި ބިލު ބަލައިގަނެފައިވަނީ 30 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 17 މެންބަރުންނެވެ. އަދި 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މި ބިލު ދިރާސާކުރެއްވުމަށް ބިލު ހުށަހެޅުއްވި މެންބަރު 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ހުށަހެޅުމުން، 23 މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކުރައްވާފައެވެ. މިގޮތަށް ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 17 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މި ކޮމިޓީއަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވި 7 ނަންވެސް މިއަދުގެ ޖަލްސާގައި ފާސްކުރައްވާފައިވެއެވެ. މި 07 މެންބަރުންނަކީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދެވެ.
31 މާރިޗު 2014