ރައްޔިތުންގެ މަޖިލީހުގެ ރައީސް، އައި.ޕީޔޫގެ ސެކްރެޓަރީ ޖެނެރަލްއަށް ތަހުނިޔާ ވިދާޅުވެއްޖެ

އިންޓާޕާލިމެންޓަރީ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް މާޓިން ޗުންގޮންގ ހޮއްވެވުމާއި ގުޅިގެން، އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީފުޅުގައި، މިކާމިޔާބީއަކީ އައި.ޕީޔޫގެ މެންބަރުންގެ ތެރޭގައި އެމަނިކުފާނަށް އޮތް ގަދަރާއި އިޙްތިރާމް ރަމްޒުއްކޮށްދޭ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، މާޓިން ޗުންގޮންގާއި އައި.ޕީ.ޔޫގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތައް ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދިނުމަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައިވެއެވެ. އަދި މިކުރިއެރުމުގެ ސަބަބުން އައި.ޕީޔޫއާއި ރައްޔިތުންގެ މަޖިލީހާއި އޮންނަގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

27 މާރޗް 2014