ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ހ)ގެ 3 ގެ ދަށުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/13) އަށް އިޞްލާޙު ގެނައުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓާއި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 94/6) އަށް އިޞްލާޙު ގެނައުމުގެ ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓްގެ ތިން ވަނަ ކިޔުން މިއަދު ރައްޔިތުންގެ މަޖިލީހުން އިއްވަވައިފިއެވެ.
މިގޮތުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް މިއަދު ބަހުސްކުރެއްވީ 7 މެންބަރުންނެވެ. އަދި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވީ 1 މެންބަރެކެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/6)ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅޭ ގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓް ގެ ބަހުސްވެސް މިއަދު ނިންމަވާފައިވެއެވެ. ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅޭ ގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓަށް ޖުމްލަ 2 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.
ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި “މި ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި އެހެން އޮތް ކަމުގައި ވިޔަސް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް، ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ޓަކައި ވޯޓަށް އަހަންވާނީ އެމަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓު ނަގާ ޖަލްސާއެއްގައި ޙާޒިރުވެ ތިބޭ ވަގުތެއްގައި” ކަމަށް ބަޔާންކޮށްފައިވާތީ، ޤާނޫނުއަސާސީގައި ބަޔާންކުރާ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އަދުގެ ޖަލްސާއަށް ހާޒިރުވެފައިނުވާތީ ވޯޓަށް އަހާފައެއް ނުވެއެވެ.
24 މާރިޗު 2014