ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭންބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭންބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 78/71) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މި ބިލު ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 22 މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލު މަޖިލީހުން ބަލައިގަތުމާއިގުޅިގެން ބިލު ދިރާސާކުރެއްވުމަށްވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިފައެވެ.

މިއަދުބޭއްވެމުންދާ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގެ މެންދުރު ދަންފަޅީގައި ވޯޓްގެ ވަގުތުކޮޅުގައި ރިޔާޞަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ.

24 މާރިޗު 2014