ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ކުރިއަށް ގެންދިޔުމަަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ހަވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވާލެއްވުމަށްފަހު ބިލު މަޖިލީހުން ކުރިއަށް ގެންދިޔުމަށް ފާސްކުރައްވާ، ބިލު އިތުރަށް ދިރާސާކުރުމަށްޓައި 11 މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުއްވައިފިއެވެ.

މިއަދު ބޭއްވުނު ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 209 ވަނަ މާއްދާގެ (ހ) އާއި 210 ވަނަ މާއްދާއާއި ހަވާލާދެއްވައި، ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އޮޑިޓަރ ޖެނެރަލްކަމަށް ޢައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ނަންފުޅު، ރައްޔިރުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގައި އިޢުލާނުކުރުމަށްފަހު، އެނަންފުޅު ދިރާސާކުރެއްވުމަށް މަޖިލީހުގެ ގަވައިދުގެ ދަށުން މާލިއްޔަތު ކޮމެޓީއަށްވަނީ ފޮނުއްވައިފައެވެ.

މިއަދުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރު މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާ އެ ޤަރާރުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންދަވާފައެވެ. މިއަދުގެ ޖަލްސާއަށް ހުށަހެޅުނު ޤަރާރަކީ، ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ ހުރިހާ މަރުޙަލާއެއްގައިވެސް އިޖްބާރީ ދެ މާއްދާގެ ގޮތުގައި ދިވެހިބަހާއި އިސްލާމްދީން ކިޔަވައިދިނުމަކީ ލާޒިމުކަމެއްކަމުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖލީހަށް ފެންނަ ކަމެއް ކަމަށް ކަނޑައަޅައި އެ ގޮތަށް ފާސްކޮށްދިނުމަށް އެދި، ރައްޔިތުންގެ މަޖިލީގުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް  އެގަވާއިދުގެ 144 ވަނަ  މާއްދާގެ ދަށުން ހުށަހެޅުނު ޤަރާރެކެވެ.

މިއަދުގެ ސުވާލުގެ ވަގުތުގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމް ދީދީ އާ ކުރައްވާ ސުވާލު ކުރެއްވުން ކުރިއަށްގެންދެވުނެވެ.

ޤާނޫނު ނަންބަރު 2007/5 (ސިވިލް ސަރވިސް ޤާނޫނު) އަށް.. ވަނަ އިޞްލާޙުގެނައުމުގެ ބިލުގެ ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ރިޢާޔަތް ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނިކޮށް، މިއަދުގެ ޖަލުސާގެ ވަގުތު ހަމަވެގެން ރިޔާސަތުންވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

71 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމުއެވެ.