އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ނަންފުޅެއް ފާސްކުރައްވާފައިވާތީ އެކަން ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތަކުން، ހ.ނީޓް އިސްމާޢީލް ހަބީބް ޢަބްދުއްރަޙީމްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވާފައިވާތީ އެކަން ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މިއަދު ފޮނުއްވި ސިޓީގައި ވަނީ “އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދެއްވާފައިވާތީ، އެމެންބަރުގެ ބަދަލުގައި މެންބަރަކު ޢައްޔަންކުރުމަށްޓަކައި ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތިގެމަތިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް، 12 މާޗް 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާއަށް ހުށަހަޅުއްވައި، އެޖަލްސާއިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހ. ނީޓް، އަލްފާޟިލް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.”

11 ޖުމާދަލްއޫލާ 1435

12 މާރިޗު 2014