އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކާ ޚިލާފަށްކަމަށް ބަޔާންކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބު ރައީސް ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި، އުއްތަމަ ފަނޑިޔާރަށާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މިއަދު ސިޓީއެއް ފޮނުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބު ރައީސް ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި، އުއްތަމަ ފަނޑިޔާރަށާއި، ދައުލަތުގެ ބަންޑާރަ ނައިބަށް ފޮނުއްވި ސިޓީ، ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމާމެދު ޤާނޫނީ ނަޒަރަކުން ބައްލަވައި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވާފައިވާ ލަފާފުޅުގެ މައްޗަށް ބިނާކުރައްވާފައިވެއެވެ.
“ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ސިޔާސީ ޕާޓީ ރަޖިސްޓަރީކޮށް ހިންގުމަށްޓަކައި 10,000 (ދިހަހާސް) މީހުން ތިބުން ލާޒިމްކޮށްފައި އޮތްއޮތުން ބާޠިލްވެއްޖެކަމަށް ޙުކުމްކުރި ސުޕްރީމް ކޯޓުގެ ނަންބަރު 11/SC-C/2013 ޤަޟިއްޔާއަށާއި، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC-SJ/2014 އަމުރަށް އިލެކްޝަންސް ކޮމިޝަނުން ތަބާވެފައިނުވާކަމަށާއި، ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރެއިން ޙައްޤެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ވޯޓުދިނުމުގެ އަސާސީ ޙައްޤު ޙިމާޔަތްކޮށް ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތައް ބޭއްވެނީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބުނެފައިވާފަދަ އަމާން މާހައުލެއްގައިކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާއި އަދި އެކަމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ކޯޓު އަމުރުތަކަށް އިހާނާތްތެރިވެ، މީޑިޔާގެ ވަޞީލަތްތައް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުން ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އަޙްކާމްތަކަށް ފާޅުކަންބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، ޢަދުލު އިންޞާފު ޤާއިމްކުރުމަށް ހުރަސްއަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ އިޖުރާޢަތުތަކާއި އިޚްތިޞާޞްތަކާ ދެކޮޅަށް އިހާނަތްތެރިކޮށް ވާހަކަދައްކައި، ކޯޓުގެ ޙުރުމަތްކަނޑާފައިވާތީ، ފުއާދު ތައުފީޤުގެ އެ އަމަލުތަކަކީ ކޯޓުގެ ޤަދަރަށް އުނިކަން އަންނަފަދަ ޢަމަލުތަކަކަށްވާތީ، އަދުލުއިންސާފު ޤާއިމްކުރުމުގެ ބާރުގެ ޤަދަރާއި ހައިބަތު ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނެގެހެއްޓުމުގެ މަސްއޫލިއްޔަތާއި ބާރުގެ ދަށުން، އަދި ސުޕްރީމްކޯޓުގެ ގަވާއިދުގެ 88 ވަނަ މާއްދާގެ މައްޗަށް ރިޢާޔަތްކޮށް، ޤާނޫނުލްއުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުއާދު ތައުފީޤު 06 މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކުރުމާއެކު، އެ ޙުކުމް 03 އަހަރު ދުވަހުގެ މުއްދަތަށް ތަންފީޛުކުރުން ފަސްކުރުމަށް އަމުރުކޮށް، އަދި އިލެކްޝަންސް ކޮމިޝަނުގެ ޒިންމާ އުފުލަންޖެހޭ އެ ކޮމިޝަނުގެ ރައީސްއާއި ނައިބު ރައީސްއާ ދެމީހުން، އެ ދެމީހުންގެ މަސްއޫލިއްޔަތު ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރުމުން އެއްކިބާވެގަނެ، ޤާނޫނުގައި ކަން އޮތްގޮތް ބަޔާންކޮށް ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމްތަކާއި ސުޕްރީމް ކޯޓުގެ އަމުރުތަކަށް ތަބަޢުނުވެ، ތަޙައްދީކުރުމުގެ ޒިންމާ ޤާނޫނީ ގޮތުން އެ ކޮމިޝަނުގެ އެންމެ އިސް ދެ މަސްއޫލުވެރިންކަމުގައިވާ އެ ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އުފުލަންޖެހޭކަމަށް ކަނޑައަޅައި، އަދި އެ ޢަމަލުތަކަކީ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާ ޚިލާފު ޢަމަލުތަކެއްކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 88 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤާއި އެ ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު ފަޔާޟްގެ ކިބައިން އެ ކޮމިޝަނުގެ މެންބަރުކަމުގައި ދެމިތިބުމުގެ ޙައްޤާއި ޤާނޫނީ ޙައިސިއްޔަތު ގެއްލިފައިވާކަމަށާއި، އެ ދެމީހުންގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމަށް ކަނޑައަޅައި، 2014 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، އެ އިންތިޚާބު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚުގައި ބޭއްވުމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުންނާއި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ އެންމެހައި އިންތިޒާމްތައް އެ ޙުކުމްކުރި ތާރީޚްކަމުގައިވާ 9 މާޗް 2013 ވީ އާދިއްތަ ދުވަހުން ފެށިގެން 06 ދުވަހުގެ (ބަންދުދުވަސްތައް ހިމެނޭގޮތުން) ތެރޭގައި ކޮށް ނިންމުމަށް އަންގައި ޢަމުރުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ އިސްވެދެންނެވި ޤަޟިއްޔާއިން، އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި، އިލެކްޝަންސް ކޮމިޝަނުގެ ރައިސްއާއި، އެ ކޮމިޝަނުގެ ނައިބުރައީސްގެ ކިބައިން އެ ކޮމިޝަނުގެ މެންބަރުކަމުގައި ދެމިތިބުމުގެ ޙައްޤާއި ޤާނޫނީ ޙައިސިއްޔަތު ގެއްލިފައިވާކަމަށާއި، އެ ދެމީހުންގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމަށް ކަނޑައަޅާފައިވާއިރު، އިލްކެޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމާގުޅޭ އިޖުރާޢަތުތަކާއި، އެ ކޮމިޝަނުގެ މެންބަރުން މަޤާމުން ވަކިކުރުމާ ގުޅޭ އިޖުރާޢަތުތަކާއި، ކޮމިޝަނުގެ މެންބަރެއްގެ މަޤާމު ހުސްވެއްޖެކަމަށް ބެލޭނެ ޙާލަތްތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކަކާއި، ޙާލަތްތަކެކެވެ.
އެގޮތުން، އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމާއި، އެކޮމިޝަނުގެ މެންބަރުން މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޤާނޫނުއަސާސީއާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތައް ޙަވާލުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ ދަށުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރުންނަކީ، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެމަތިން އެ ކޮމިޝަނަށް ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ނަންތަކެކެވެ. އަދި، އެ ކޮމިޝަނަށް ބުނެވިދިޔަ ގޮތުގެމަތިން ޢައްޔަންކުރެވޭ މެންބަރުން، އެ ކޮމިޝަނުން ވަކިކުރެވޭނީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމާ އެކަށީގެންނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމު އަދާކުރުމަށް ޢުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަޤާމު އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިއްޖެ ހިނދެއްގައި، އެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންކަމަށް ޤާނޫނުއަސާސީގެ 177 ވަނަ މާއްދާއާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 14 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކުރެއެވެ. އެހެންކަމުން، ޤާނޫނުއަސާސީއާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ އިސްވެދެންނެވި މާއްދާތަކަށް ބެލުމުން، އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަންކޮށް ވަކިކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަން އެނގެއެވެ. އަދި ޚާއްޞަކޮށް އިލެކްޝަންސް ކޮމިޝަނަށް އަޢްޔަންކުރާ މެންބަރުން އެ ކޮމިޝަނުން ވަކިކުރުމުގެ ބާރަކީ، އެހެން އެއްވެސް ފަރާތެއްގެ ދައުރެއް އެކަމުގައި ނުހިމެނޭ ގޮތަށް، ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަން ޤާނޫނުއަސާސީއާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ އިސްވެދެންނެވި މާއްދާތަކަށް ރިޢާޔަތްކުރުމުން އެނގެއެވެ.
އަދި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް ބަލާއިރު، ކޮމިޝަނުގެ މެންބަރެއްގެ މަޤާމު ހުސްވެއްޖެކަމަށް ބެލޭނެ ޙާލަތްތައް އެ ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާއިރު، އެ ޙާލަތްތަކަކީ މެންބަރުކަމުގެ މުއްދަތު ހަމަވުން، ނުވަތަ އިސްތިޢުފާދިނުން، ނުވަތަ އެ ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނުގެ މެންބަރަކު މަޤާމުން ވަކިކުރުން، ނުވަތަ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ސިޔާސީ މަޤާމަކަށް ކުރިމަތިލުން، ނުވަތަ މަރުވުން ނުވަތަ ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުރުން އެ ޤާނޫނު ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމެވެ. ކަންމިހެން އޮތްއިރު، ކުށެއް ސާބިތުވެގެން އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ މަޤާމު ގެއްލޭނީ އިސްލާމުދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް މެންބަރަކު ކުރިކަން ސާބިތުވެއްޖެނަމަ، ނުވަތަ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް މެންބަރެއްގެ މައްޗަށް އައިސްފިނަމަކަން އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 10 ވަނަ މާއްދާއާ ޙަވާލާދީ، އެ ޤާނޫނުގެ 5 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ.
އެހެންކަމުން، ޤާނޫނުއަސާސީގެ 177 ވަނަ މާއްދާއަށާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި 14 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ މާއްދާތަކުގެ އަލީގައި ސުޕްރީމް ކޯޓުގެ ނަންބަރު 15/SM-SC/2014 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤާއި، އެ ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު ފަޔާޟްގެ ކިބައިން އެ ކޮމިޝަނުގެ މެންބަރުކަމުގައި ދެމިތިބުމުގެ ޙައްޤާއި ޤާނޫނީ ޙައިސިއްޔަތު ގެއްލިފައިވާކަމަށާއި، އެ ދެމީހުންގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމަށް ކަނޑައަޅުއްވާފައިވަނީ އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކާއި، ޙާލަތްތަކުގެ ބޭރުންކަން ފާހަގަކުރެވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޤާނޫނުއަސާސީގެ 177 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާޢަތަކީވެސް ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމާ ގުޅޭގޮތުން ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގައި ބަޔާންކޮށްފައިވަ އިޖުރާޢަތުކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހުން، ގ. ކޮއްކިރި މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމާ ގުޅިގެން، ސުޕްރީމް ކޯޓަށް މުޙައްމަދު ފަހުމީ ޙަސަން ހުށަހެޅުއްވި މައްސަލަ އެކޯޓުން ބައްލަވައި ނިންމެވި އެ ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި އެ ކޯޓުން ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ ތެރޭގައި، “ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާގައި ތިން ފަންކްޝަން އަދާކުރާ ތިން ބާރުކަމަށް ބަޔާންކުރުމަށްފަހު، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިންކަމަށް ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ސާފު ބަހުން ބަޔާންކޮށްފައިވުމާއި ދައުލަތުގެ ތިން ބާރުންކުރެ އެއްވެސް ބާރެއް އަނެއް ބާރެއްގެ ދުސްތޫރީ އިޚްތިޞާޞް ނުވަތަ ފަންކްޝަން އަދާކުރަމަކީ ޤާނޫނުއަސާސީ ތަންދޭކަމެއް ނޫންކަން ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞުތަކުން ސާފުކޮށް އެނގޭކަމާއި، ޤާނޫނުއަސާސީން ސެޕަރޭޝަން އޮފް ޕަވަރއާއި ތިން ބާރުގެ މެދުގައި ޤާއިމްކޮށްފައިވާ ޗެކް އެންޑް ބެލެންސް ނިޒާމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމާއި ޤާނޫނުއަސާސީގެ އަސާސީ ފީޗަރއެއްކަން ސާފުކޮށް އެނގެން އޮންނަކަން” މިފަދައިން ފާހަގަކުރައްވާފައިވެއެވެ. އަދި، “ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި މިބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަމަށް އޮވެފައި، ދައުލަތުގެ ތިން ބާރުކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނުހެދުމުގެ ބާރާއި ޢަދުލް އިންޞާފު ޤާއިމްކުރުމުގެ ބާރަކީ ޤާނޫނުއަސާސީން އުފައްދާފައިވާ ތިން ބާރުކަން ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއިން އެނގެން އޮތުމާއި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތިންކަމަށް އޮތުމުން ދައުލަތުގެ ބާރުތަކާއި ދައުލަތުގެ އެކިކަންތަކާ ޙަވާލުވެފައިވާ ފަރާތްތަކާ ޙަވާލުވެފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ ޤާނޫނީ މަސްއޫލިއްޔަތުތައްކަމާއި އެ ފަރާތްތަކާ ޙަވާލުވެފައިވާ ކަންތައް ޙަވާލުވެފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި ރައްޔިތުންގެ ތެރެއިން ވަކިވަކި ފަރުދުންގެ އަސާސީ ޙައްޤުތައް ޙިމާޔާތްކުރުމުގެ ޝަރުޠާއި ޢަހްދުގެ މަތިންކަން އެނގޭކަމާއި ދައުލަތުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ބާރަކުންވެސް އެ ބާރެއްގެ އިޚްތިޞާޞްތަކާއި ފަންކްޝަން އަދާކުރަންވާނީ ޤާނޫނުއަސާސީން އެ ބާރަކަށް ކަނޑައެޅިފައިވާ ދުސްތޫރީ އިންތަކުގެ ތެރޭގައި ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިންކަން އެނގެން އޮންނަކަން”، މިފަދައިންވެސް އެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވެއެވެ.
އަދި، ހަމަ އެ ޤަޟިއްޔާގައި “ޤާނޫނުއަސާސީގައި މުސްތަޤިއްލު މަޤާމުތަކާއި ކޮމިޝަންތަކުގެ މެންބަރުންގެ މަޤާމުތަކާ ގުޅިގެން ހުރި ދުސްތޫރީ އިޖުރާއަތުތަކަކީ އެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ކަށަވަރުކޮށްދެނިވި އިޖުރާއަތުތަކެއްކަމާއި، އެގޮތުން މަޤާމުތަކަށް ޢައްޔަންކުރުންފަދަ ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރަށް މަތިކުރެވޭ އިޖުރާއަތާއި މަޤާމަށް ތަރްޝީޙުކުރެވޭ ނަންތައް ފާސްކުރުމާއި މަސްއޫލިއްޔަތު އަދާކުރާ މިންވަރާ ގުޅިގެން ޖަވާބުދާރީކުރުމާއި ވަކިކުރުމުގެ އިޖުރާއަތުފަދަ ރައްޔިތުންގެ މަޖިލީހަށް މަތިކުރެވޭ އިޖުރާއަތާއި، އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި ހުވާކުރުން ފަދަ ޤާނޫނީ އިޖުރާއަތުތަކަކީ އޭގެ ދުސްތޫރީ ޠަބީޢަތަށް ބަލާއިރު، ސެޕަރޭޝަން އޮފް ޕަވަރސްގެ ދުސްތޫރީ އުޞޫލުގެ ދަށުން ޗެކް އެންޑް ބެލެންސެސް އިޖުރާއަތުތަކެއްގެ ގޮތުގައި ދުސްތޫރުވެރިން ސިފަކުރާ އިޖުރާއާތުތަކެއްކަމަށް”، ފާހަގަކުރައްވާފައިވެއެވެ. އަދި، “ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގެ (ހ) ގައި ބުނެފައިއެވާ ޙާލަތްތަކުގައި އެ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީކަމަށް އޮތްއިރު، އޭގެ ކުރިއަށް އަންނަންޖެހޭ ޤާނޫނީ އިޖުރާޢާތަކީ އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނުންކަމަށް ބަޔާންވެފައި އޮންނަ އޮތުމަށް ބަލާއިރު، މިފަދަ ކޮންމެ އިމްޕީޗްމަންޓް ޕްރޮސީޖާރއަކީ ފަރުދެއްގެ އަސާސީ އަދި ފަރުދީ ޙައްޤުތަކަކަށް އިޙުތިރާމުކުރުމުގެ އެންމެ އަސާސީ ގެރެންޓީއަކީ ނުވަތަ ދައުލަތުގެ ޤާނޫނުތަކުގެ ބާރުތަކާއި ފަރުދުންގެ ޙައްޤުތައް ޙިމާޔަތްކުރުން ހަމަހަމަކޮށް ކިރޭ ތިލަފަތަކީ ޑިޔު ޕްރޮސެސްކަމާއި ދައުލަތުގެ އެއްވެސް ބާރަކުން ނުވަތަ ރަސްމީ އެއްވެސް ފަރާތަކުން ކުރާކަމަކުން ފަރުދެއްގެ ޙައްޤަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް (އާރބިޓްރަރީއެއް) ވުމަކީ ޑިޔު ޕްރޮސެސްއާ ޚިލާފުވުންކަމާއި އާރބިޓްރަރީ ނަފީނުވާ ކޮންމެ ނިންމުމެއް ނުވަތަ ކޮންމެ އިޖުރާއާތެއް ރޫލް އޮފް ލޯ އާ ޚިލާފުވާނެކަން އެނގެން އޮންނަ އޮތުންކަމަށާއި، އެގޮތުން ޑިޔު ޕްރޮސެސްގެ މާނައަކީ ދައުލަތުގެ މިފަދަ ކޮންމެ ނިންމުމެއް ނުވަތަ އިޖުރާއަތެއް ބަރާބަރަށް ޤާނޫނާ އެއްގޮތްވުމާ އެއްވެސް ފުށުއެރުންތަކެއް ނެތުމާއި ރައްޔިތުންގެ ޙައްޤުތަކަށް ދާއިމީ ރައްކާތެރިކަން ކަށަވަރުވެފައިއޮތުންކަން އެނގޭކަމަށްވެސް”، ބުނެވިދިޔަ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވެއެވެ.“
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ސޮއިކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށާއި، އުއްތަމަ ފަނޑިޔާރަށާއި، ދައުލަތުގެ ބަންޑާރަ ނައިބަށް އިސްވެދެންނެވި ސިޓީ ފޮނުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް ޙުވައިކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބު ރައީސް ހުރެއްވުމާއެކު، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި އެމަޖިލީހުގެ ޙުރުމަތާއި ޤަދަރު ހިފެހެއްޓުމަކީ، މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއްކަމަށްވާތީއާއި، މަޖިލީހުގެ ގަވާއިދަށް އުނިކަން އަންނަފަދަ އެއްވެސް ޢަމަލެއް ހިނގައިފިނަމަ، ނުވަތަ މަޖިލީހުގެ ގަވާއިދަށް އުނިކަމެއް އަތުވެދާނެކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަކީ، ރައްޔިތުންގެ މަޖލީހުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށްވާތީއެވެ.
އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބު ރައީސް ސޮއިކުރައްވާފައިވާ ސިޓީގައި ބަޔާންކުރައްވާފައިވާ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވަނީ، ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަމުގައި ބަޔާންކޮށްފައިވާތީއާއި، އުއްތަމަ ފަނޑިޔާރަށް ދަންނަވާފައިވަނީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ޢަދަލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓުކަމަށާއި، ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރުކަމުގައި ބަޔާންކޮށްފައިވުމާތީއާއި، ދައުލަތުގެ ބަންޑާރަ ނައިބަށް ދަންނަވާފައިވަނީ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ) ގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށް ބަންޑާރަ ނައިބު މަސައްކަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވާތީއެވެ.
10 މާޗް 2014