މިއަދު ކުރިއަށްގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސީ ބަޔާން އިއްވަވާދެއްވައިފިއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުން، ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި، އިތުރަށް ރަނގަޅުކުރުމަށްޓަކައި ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ޤައުމުގެ ސިޔާސީ، އިޖްތިމާއީ އަދި އިޤްތިޞާދީ ހާލަތަށް ބައްލަވައި ލެއްވިއެވެ.
ރިޔާސީ ބަޔާން އިއްވަވާދެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޔާމީން ޢަބްދުލްޤައްޔޫމް ޝުކުރު އަދާކުރައްވާފައިވެއެވެ.
މިއަދު ހެނދުނު 10 ޖެހިއިރު ބޭއްވުނު މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގެއަށް ވެދެވަޑައިގަތުމުން އެމަނިކުފާނަށާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާތިމަތު އިބްރާހީމް އަށް މަރުޙަބާ ވިދާޅުވެ އިސްތިޤްބާލް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙުމަދު މުޙައްމަދު އެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރައްޔިތުންގެ މަޖިލިސްކުރާގެއަށް ވެދެވަޑައިގަތުމުގެ ކުރިން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ފަރާތުން ޝަރަފުގެ ގާޑު ރިޔާސީ ކުރުނީސް އެރުވުން އޮތެވެ.
މިޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ދަޢުވަތު އެރުވުނު ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ބޭރުގެ އިއްޒަތްތެރިން ވަޑައިގެންނެވިއެވެ.
28 ރަބީޢުލްއައްވަލް 1432
02 ޖުމާދަލްއޫލާ 2014