ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްކަމާމެދު ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ސުވާލު އުފައްދަވަމުން ގެންދަވާތީ ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ، އެ މަޤާމްގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނޭ، އެ ކޮމިޝަނުގެ މެންބަރެކެވެ. އަދި ޤާނޫނުއަސާސީގެ 161 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ވަކި މަޤާމެއްގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނޭ މީހަކަށް، އެ މަޤާމެއްގައި އޭނާ ދެމިހުރިހައި ދުވަހަކު، އެ ކޮމިޝަނުގެ މެންބަރުކަމުގައި އޭނާއަށް ދެމިހުރެވޭކަން ވަރަށް ސާފުކޮށް އެނގެއެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކީ، އެ މަޤާމުގެ ހައިސިއްޔަތުން އެ ކޮމިޝަނުގައި ހިމެނޭ މެންބަރަކަށްވީހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ދެމިހުންނަވާހާ ދުވަހަކު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމުގައި އެ ބޭފުޅަކު ދެމިހުންނަވާނެކަމާމެދު ޤާނޫނީ ގޮތުން ސުވާލު އުފައްދާނެ ތަނެއް ނެތެވެ.

24 ފެބްރުއަރީ 2014