ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ 2 ބިލެއް މަޖިލީހުން ފާސްކުރައްވައިފި

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) އަށް އިޞްލާޙު ގެނައުމުގެ 2 ބިލެއް މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

އެއީ ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން ހުށަހަޅުއްވާފައިވާ ބިލަކާއި ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލެކެވެ.

މިގޮތުން މި ދެބިލުވެސް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް 38 މެންބަރުން ވޯޓް ދެއްވާފައިވާއިރު 18 މެންބަރުން ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވާފައިވަނީ ޖުމްލަ 10 މެންބަރުންނެވެ. އަދި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރައްވާފައިވަނީ ޖުމްލަ 6 މެންބަރުންނެވެ.

4 ފެބްރުއަރީ 2014