ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އަށް ދިން ހަމަލާ މަޖިލީހުން ކުށްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އަށް 1 ފެބްރުއަރީ 2014 ވަނަ ދުވަހުގެ ރޭ ބަޔަކުމީހުން ނުރައްކާތެރި ހަމަލާއެއް ދީ ޒަޚަމްކޮށްލާފައިވާތީ އެ ފިނޑި ޢަމަލު ރައްޔިތުންގެ މަޖިލީހުން ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ މީގެ ކުރިންވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވަރަށް ރަހުމުކުޑަ ގޮތަކަށް ހަމަލާދީ ޝަހީދުކޮށްލާފައިވާކަމަށެވެ. އަދި އަނެއްކާވެސް މަޖިލީހުގެ މެންބަރަކަށް މި ދިން ރަހުމްކުޑަ ހަމަލާ އަކީ ރާއްޖޭގައި ރައްޔިތުންގެ މަޖިލީހަށާއި ރާއްޖޭގެ ޑިމޮކްރަސީ އަށް އަދި ރައްޔިތުންގެ ވެރިކަމެއް ހިންގުމަށް ރައްޔިތުން ކުރަމުންގެންދާ މަސައްކަތަށް ދިން ހަމަލާއެއްކަމަށް މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ވެރިކަން ހިންގާ ފަރާތުން ވީހާވެސް އަވަހަކަށް މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯއްދަވައި އެ ބަޔަކާ ދޭތެރޭ ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ޔަޤީންކުރައްވާކަމަށްވެސް މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ނާއިބު ރައީސް އިތުރަށް ވިދާޅުވިގޮތުގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން މާޒީގައި މިފަދަ ކުށްތައް ކޮށްފައިވާ ފަރާތްތަކާ ދޭތެރޭ އުފުލިފައިވާ ދަޢުވާތައް އަވަހަށް ނިންމައިދެއްވައި ޢަދުލުއިންޞާފު ޤާއިމުކުރުމަށް ބާރުއަޅުއްވައިދެއްވުމަށް އެދޭކަމުގައެވެ.

3 ފެބްރުއަރީ 2014