ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙުމީއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާތީ، އެފިނޑި ޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

ރައްޔިތުތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙުމީއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާތީ، އެފިނޑި ޢަމަލު ވަރަށް ހަރުކަށި އިބާރާތުން  ކުށްވެރިކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މީޑިއާގެ ބޭފުޅުންނާއި މުހާތަބުކުރައްވައި މިހެން ވިދާޅުވީ، ރޭ ދަންވަރު މެންބަރު އަލްޙާން ފަޙުމީގެ ހާލު ބެއްލެވުމަޓަކައި އޭ.ޑީ.ކޭ ހޮސްޕިޓަލަށް ވަޑައިގެން ހުންނަވައެވެ. މީގެއިތުރުން، އެމަނިކުފާނު ވިދާޅުވީ މީގެކުރިންވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވަރަށް ރަހުމްކުޑަކޮށް ހަމަލާދީ ޝަހީދުކޮށްލާފައިވާކަމަށާއި ރޭގައި އަނެއްކާވެސް މަޖިލީހުގެ މެންބަރަކަށް މިދިން ރަހުމްކުޑަހަމަލާއަކީ މަޖިލީހުގެ ރައީސް ގަބޫލުފުޅުކުރައްވާ ގޮތުގައި ރާއްޖޭގައި ރައްޔިތުންގެ މަޖިލީހަށާއި ރާއްޖޭގެ ޑިމޮކްރަސީއަށް އަދި ރައްޔިތުންގެ ވެރިކަމެއް ހިންގުމަށް ރައްޔިތުން ކުރަމުންގެންދާ މަސައްކަތަށް ދިން ހަމަލާއެއްކަމަށެވެ. އަދި، މިއަދުގެ ސަރުކާރުން ވީހާވެސް އަވަހަކަށް މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯއްދަވައި އެބަޔަކާ ދޭތެރޭގައި ޤާނޫނުގެ ހަމަތަކުގެ މަތިން ފިޔަވަޅު އަޅުއްވާނެކަމަށް ޔަޤީންކުރައްވާކަމުގައިވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙުމީގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ، ރޭގެ ވަގުތެއްގައި ރެސްޓޯރެންޓެއްގައި އިންނަވަނިކޮށެވެ. ރޭ އޭ.ޑީ.ކޭ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށްޓަކައި އެމަނިކުފާނު މިހާރު ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޝްރީލަންކާއަށް ގެންގޮސްފައެވެ.

2 ފެބްރުއަރީ 2014