ސަރުކާރު ފަރާތުން، ޓޫރިޒަމް ޤާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ 2 ބިލަކާއި އަދި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލު ކުޑަ ކޮމިޓީން ދިރާސާކޮށް ނިންމަވައިފި

މިއަދު ބޭއްވުނު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމަވައިފިއެވެ.

މިއަދުގެ ކުޑަ ކޮމިޓީ ބައްދަލުވުމުގައި، ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ މިނިސްޓަރާ ބައްދަލުކުރައްވައި ކޮމިޓީއަށް ހުށަހެޅިފައިވާ ތިން ބިލާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި މަޢުލޫމާތު ސާފުކުރައްވާފައިވެއެވެ.

ބިލްތައް ދިރާސާކުރުމަށް ހެދިފައިވާ މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޓީގެ މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ އިތުރުން ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމްއެވެ.