މިއަދު ބޭއްވުނު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. މިގޮތުން، މިތިން ބިލާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މާދަމާ، 28 ޖެނުއަރީ 2014 ވާ އަންގާރަދުވަހު، 10:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނަށް ދެންނެވުމަށާއި، 11:00 އަށް މޯލްޑިވްސް އެސޯޝިއޭޝަން އޮފް ޓްރެވަލް އެޖެންސީ އެންޑް ޓުއަރ އޮޕަރޭޓަރސްގެ ބޭފުޅުންނަށް ދެންނެވުމަށާއި އަދި 12:00 އަށް މޯލްޑިވްސް އެސޯޝިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނަށް ކޮމިޓީއަށް ދެންނެވުމަށް ނިންމެވިއެވެ.
މީގެއިތުރުން، މިއަދުގެ ބައްދަލުވުމުގައި މިތިން ބިލާގުޅޭގޮތުން ޤާނޫނީ ލަފާފުޅެއް ހޯއްދެވުމަށް، ކައުންސެލް ޖެނެރަލަށް ދެންނެވުމަށް ނިންމެވިއެވެ.
މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ އިތުރުން ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އަދި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވަޑައިގެންނެވިއެވެ.