ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން، މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް ގައުމީ ފެންވަރުގައި އޮބްޒާރވް ކުރުމަށް، އިންތިޚާބުތަކުގެ ކުރިން، އިންތިޚާބީ ހާލަތާއި އިންތިޚާބާ ގުޅުންހުރި ކަންކަމުގެ މައްޗަށް ހަދާ އެސެސްމަންޓަށް މަޢުލޫމާތު ހޯދުމަށްޓަކައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މިއަދު މަޖިލިސްކުރާގޭގައި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އާޒިމް ޒާހިރު އާއި އިލެކްޝަން ކޯޑިނޭޓަރ އިބްރާހިމް ޠައްޔިބު އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއަކީ 2008  ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން، ރާއްޖޭގައި ބާއްވަމުންދާ ބޮޑެތި އިންތިޚާބުތައް، މިނިވަންކަމާއެކު، ސިޔާސީގޮތުން ވަކިފަރާތަކަށް ނުޖެހި، އޮބްޒާވުކުރަމުންދާ ހަމައެކަނި ޤައުމީ ޖަމްޢިއްޔާއެވެ.