ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ ތަކެއް 26 ޖެނުއަރީ 2014 ވާ އާދީއްތަ ދުވަހުން ފެށިގެން ބޭއްވެވުމަށް ނިންމަވައިފި

ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ ތަކެއް 26 ޖެނުއަރީ 2014 ވާ އާދީއްތަ ދުވަހުން ފެށިގެން ބޭއްވެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ. މަޖިލީހުގެ ރައީސް މިގޮތަށް ނިންމެވީ ދައުރުން ބޭރުގައި މަޖިލީހުގެ ޚާއްސަ ޖަލްސާތަކެއް ބާއްވައި ދިނުން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ 27 މެންބަރަކު ސޮއި ކުރައްވައި މަޖިލީހުގެ ރައީސަށް ސިޓީ ފޮނުއްވާފައި ވާތީއެވެ. އެސިޓީގައިވަނީ 2014 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ސަރުކާރުން ހުށަހެޅުއްވި މިންވަރަށް ވުރެ އިތުރުކޮށް މަޖިލީހުން ފާސްކުރެވުނު އިރު ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށްޓަކައި ހުށަހެޅިފައިވާ ކަންކަމަށް މަގުފަހިކުރުމަށް ސަރުކާރުން ފޮނުއްވި ބިލްތައް ފާސްނުވަނީސް މިދިއަ އަހަރުގެ ފަހު ދައުރު ނިމިފައިވުމާއެކު، ދެމަސް ދުވަސްވަންދެން އެކަމަށް ޙައްލެއް ނުލިބި އޮތުމަކީ ބަޖެޓް ތަން ފީޛް ކުރުމަށް އޮތް ވަރަށް ބޮޑު ހުރަހަކަށް ވާޏެ ކަމަށާއި އެކަމުގެ ގެއްލުން ދައުލަތާއި، ރައްޔިތުން ތަޙައްމަލު ކުރަންޖެހޭނެ ކަމަށެވެ. ވީމާ، އެކަން ޙައްލު ކުރުމަށްޓަކައި ސަރުކާރުން ފޮނުއްވާފައިވާ ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާމެދު މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި ވެވަޑައިގެންއަވަސް ފުރުޞަތެއްގެ ތެރޭގައި ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާ ތަކެއް ބާއްވަވައި ދެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރިސެސް ތެރޭގައި، ނުވަތަ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، ގަވައިދުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކުރެވިފައިވީނަމަވެސް، އެ ހުށަހެޅުން ހުށަހެޅޭތާ، 14 ދުވަހުގެ ތެރޭގައި ޖަލްސާތައް ބޭއްވޭނެ ގޮތް ހަމަޖައްސައި، އެޖަލްސާތައް ބާއްވަން ވާނެކަމުގައެވެ. އަދި އެމާއްދާގެ ބޭނުމަށްޓަކައި 14 ދުވަސް ގުނާނީ ބަންދު ދުވަސްތައްވެސް ހިމަނައިގެން ކަމުގައެވެ.

އެހެންކަމުން އެސިޓީގައި އެދިވަޑައިގެންފައިވާ ބިލުތަކުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށްޓަކައި އެޖަލްސާތަކުގެ ނޯޓިސް މިއަދުވަނީ މަޖިލީހުގެ ރައީސް މެންބަރުންނަށް ފޮނުއްވާފައެވެ.

މަޖިލީހުގެ ޖަލްސާތައް 26 ޖެނުއަރީ 2014 ވާ އާދީއްތަ ދުވަހު ފެއްޓެވުމަށް ހަމަޖެއްސެވީ މަޖިލީހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރާ ގޮތުން މަޖިލީހުގެ މެންބަރުންނަށް އެކަށީގެންވާ މުއްދަތެއް އެރުވުމުގެ ގޮތުންނެވެ. އަދި މިދުވަސްވަރަކީ މަޖިލީހުގެ ޗުއްޓީގެ ދުވަސްވަރު ކަމަށް ވުމާއެކު ގިނައަދަދެއްގެ މެންބަރުން ރަށުން ބޭރަށް ފުރާވަޑައިގަންނަވާ ކަމުގެ މަޢުލޫމާތު މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންފައިވުމުން މެންބަރުންނަށް އެކަށީގެންވާ ނޯޓިސްއެއް އެރުވުމުގެ ގޮތުންނެވެ. އަދި ލޯކަލް ކައުންސިލްގެ އިންތިޚާބުވެސް ކުރިއަށް އޮތުމާއެކު އެކަމުގައި މަޖިލީހުގެ މެންބަރުން މާލޭގައި މިވަގުތު ނޫޅުއްވާތީއާވެސް އެކުގައެވެ.

26 ޖެނުއަރީ 2014 ވާ އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފާއްޓަވާނެކަން އަންގަވައި އެދުވަހުގެ ޖަލްސާ އެޖެންޑާ މެންބަރުންނަށް މިހާރު ގެންދަނީ މަޖިލީހުގެ އިދާރާއިން ރައްދުކުރަމުންނެވެ.

15 ޖެނުއަރީ 2014