މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ބިލު މަޖިލީހުން ފާސްކޮށް، އަދި މަޢުލޫމާތު ބަދަލުކުރުމުގެ މިނިވަން އޮނިގަނޑެއް ޤާއިމްކުރުމަށް މަޖިލީހުން ކުރައްވާފައިވާ މަސައްކަތްތަކަށް މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްވި އެއްބާރުލުމަށްޓަކައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ޝުކުރު ދަންނަވައިފިއެވެ. އަދި މި ބިލަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާ ބިލު ފާސްކޮށްދެއްވި ކަމަށްޓަކައި މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށާއި މަޖިލީހުގެ އެންމެހާ ފަރާތްތަކަށްވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ޝުކުރު ދަންނަވާފައިވެއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ބިލު ފާސްވެގެންދިޔުމަކީ އެ ފަރާތުން ޔޫ.އެން.ޑީ.ޕީ އާ ގުޅިގެން، ޔޫ.އެން ޑިމޮކްރަސީ ފަންޑްގެ ހިލޭ އެހީގެ ދަށުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހު ހިންގާފައިވާ “ރައިޓް ޓު އިންފޮމޭޝަން” އާ ގުޅުންހުރި މަޝްރޫޢުގެ ކުރިއެރުމަށް ބޭނުންވި އެންމެ މުހިންމު އެއް ކަން ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަމަކީ ދިވެހިރާއްޖޭގެ ޅަފަތުގެ ޑިމޮކްރަސީ ހަރުދަނާކޮށް، ކޮރަޕްޝަން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި މި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ބިލުގެ މަސައްކަތް މަޖިލީހުން ކުރިއަށްގެންދެވިއިރު، އެ ބިލަށް ކޮމެންޓްކޮށް، އަދި ރަނގަޅު ބިލެއްގައި ހުންނަން ޖެހޭ ކަމަށް ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ މިންގަނޑުތައް ފާހަގަކޮށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ މަޖިލީހަށް މަޢުލޫމާތު ހިއްސާކޮށްފައެވެ.