4 ބިލެއް ތަޞްދީޤުކުރެއްވުމަށް ފޮނުއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، 4 ބިލެއް ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވައިފިއެވެ.

      ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެވުނު 4 ބިލަކީ އިޖްތިމާޢީ ރައްކާތެރިކަމުގެ ބިލު، ޖިންސީ ކުށުގެ ބިލު، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބިލު އަދި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

      އިޖްތިމާޢީ ރައްކާތެރިކަމުގެ ބިލު، އަދި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވާފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.

      ޖިންސީ ކުށުގެ ބިލު ފާސްކުރައްވާފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

      މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބިލު ފާސްކުރައްވާފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާޤުންނެވެ.

31 ޑިސެމްބަރު 2013