މިއަހަރުގެ 3 ވަނަ ދައުރުގެ އެންމެފަހު ޖަލްސާ މިއަދު ނިމިއްޖެ

      shahid 30 Decމިއަހަރުގެ 3 ވަނަ ދައުރުގެ އެންމެފަހު ޖަލްސާ މިއަދު ނިމިއްޖެއެވެ.

      މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވީ މިއަހަރުގެ ތާވަލްގައިވާ އެންމެ ފަހުގެ ޖަލްސާ މިއަދު ނިމުނީ ކަމަށާއި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެން ބާކީ އޮތީ އެއް ދައުރުކަމަށެވެ. މިގޮތުން މިއަހަރުގެ ތެރޭގައި 19 ބިލެއް ޤާނޫނަކަށް ފާސްކުރެވިފައިވާކަމަށާއި ޖުމްލަ 96 ޤާނޫނަކަށް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

      “މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި ރައްޔިތުންގެ މަޖިލީހަކުން ކުރެވިފައިވާ ވަރަށް ބުރަ މަސައްކަތެއް،” ޝާހިދު ވިދާޅުވިއެވެ. “މި މަސައްކަތްތައް ކުރެއްވުމުގައި މަޖިލީހުގެ ކޮމިޓީތަކުންނާއި، ކޮމިޓީތަކުގެ މުޤައްރިރުންނާއި، ކޮމިޓީތަކުގެ މެންބަރުން، ތިޔަ ޢިއްޒަތްތެރި މެންބަރުން ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.”

      ޝާހިދު ވިދާޅުވީ 60 ބިލް ކޮމިޓީ ތަކުގައި މިހާރު އެބައޮތްކަމަށާއި ކުރިއަށް މިއޮތް ދެމަސް ދުވަހުގެ ތެރޭގައި ކޮމިޓީތަކުގެ މަސައްކަތް އިތުރަށް ހަލުވި ކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

      މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން އައު އަހަރުގެ ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަމިއްލަފުޅު ނަންފުޅުގަޔާއި މެންބަރުންގެ ނަންފުޅުގައި އަރިސްކުރެއްވިއެވެ.

      “އަޅުގަނޑުމެން މި ކުރިމަތިލާ އަހަރަކީ އަޅުގަނޑުމެން މިވޭތު ކުރި އަހަރަށް ވުރެން ފާޤަތި އުފާވެރި ރާއްޖެ އަށް ތަނަވަސް ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި އަހަރެއް ކަމުގައި ލައްވާ އަޅުގަނޑުމެން މިކުރަމުން ގެންދާ މަސައްކަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަރަކާތްލެއްވުން އެދި ދުޢާކުރަމުން އަޅުގަނޑުގެ މިއަދުގެ ޖަލްސާ ނިންމާލަން.” ޝާހިދު ވިދާޅުވިއެވެ.