މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު ކުރިއަށްގެންދަވައިފިއެވެ.

މި މައްސަލައަކީ ރާއްޖޭގައި ހިންގާ މަރުގެ ހާދިސާތައް ޢާންމުވެ، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމަންއަމާންކަން ގެއްލި، މަސްތުވާތަކެތި ޢާންމުވެ، އިޖްތިމާޢީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ރާއްޖެ ވަދެގެންގޮސް، ފާއިތުވި ހަފްތާ ތެރޭގައި މާރާމާރީ އާއި ވަޅިހެރުމާއި މީހުން މެރުމުގެ ހާދިސާތަކެއް ހިނގާފައިވުމާއި، އަދި މި ހާދިސާތަކުގައި 2 މީހެއްގެ ފުރާނަ ގޮސްފައިވުމާއިއެކު، މިކަމާއިބެހޭ ފަރާތްތައް ޒިންމާދާރުކުރުމަށްޓަކާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މިކަމަށް އަވަސް ހައްލެއް ގެނައުމަށް މަޝްވަރާކޮށް ގޮތެއް ހޯދައި، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 26 މެންބަރުންގެ އިއްތިފާޤުންނެވެ.

ބަހުސްގެ މަރުހަލާގައި މި ކުއްލި މައްސަލައަށް ޖުމްލަ 20 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

29 ޑިސެމްބަރު 2013