ތެލެސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ މަޖިލީހުގެ އިމްތިޔާޒުގެ ބިލުގެ ބަހުސް މިއަދު ކުރިޔަށް ގެންދަވައިފި

މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ ދެވަނަ ޖަލްސާގައި ތެލެސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ މަޖިލީހުގެ އިމްތިޔާޒުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިޔަށް ގެންދަވައިފިއެވެ. ތެލެސީމިޔާގެ ބިލު ބަލައިގަތުމަށް ފަހު އިތުރަށް ދިރާސާ ކުރެއްވުމަށް ޓަކައި ފޮނުވުނީ އިޖްތިމާޢީ ކަންކަމުގެ ކޮމިޓީއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލަކީ މަޖިލީހުގެ އިމްތިޔާޒްތަކާއި، ހައްޤުތަކާއި، ބާރުތަކާއި އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާންކުރުމުގެ ޤާނޫނެވެ. މިބިލުގެ އިބްތިދާއީ ބަހުސްވަނީ މަޖިލީހުން މިއަދު ނިންމަވާފައެވެ. އެހެންކަމުން މިބިލު މަޖިލީހަށް ބަލައިގަތުމާއި މެދު ގޮތެއް ނިންމުމަށް މާދަމާ ވޯޓްނެގުން އޮންނާނެއެވެ.

މިއަދުގެ ޖަލްސާގައި ޤާނޫނު އަސާސީއާ ޚިލާފު ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައިތަކާ ގުޅޭގޮތުން، ޤާނޫނު އަސާސީގެ 299 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީ،ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެޤަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ހުށަހެޅުނު ޤަރާރަށް ބަހުސްކުރައްވައި މިޤާރާރުގެ މަސައްކަތް ކުރެއްވުމަށް 9 މެންބަރުންގެ ވަގުތީ ކޮމިޓީއެއް ހޮއްވެވިއެވެ.

ޖުމްލަ 68 މެންބަރުން ހާޟިރުވެވަޑައިގަތް މިއަދުގެ ޖަލްސާގެ ރިޔާސަތު  ބެލެހެއްޓެވީ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދާއި ނައިބްރައީސް އަލްފާޟިލް އަޙްމަދު ނާޒިމާއި އަދި ކަނޑިތީމް ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ހުސެއިންއެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ، 09 ޖޫން 2010 ވާ ބުދަ ދުވަހުގެ 09 ޖަލާއިރުއެވެ.