މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި، 2014 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް، އިންތިޚާބީ ދާއިރާތައް ކަނޑައަޅުއްވާފައިވާގޮތާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ހުށަހަހެޅުއްވި ހަތަރު މަޢުލޫމާތު ކަރުދާހާގުޅޭގޮތުން އިލެކްޝަން ކޮމިޝަންއާއެކު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފިއެވެ.
މިގޮތުން، މިއަދުގެ ބައްދަލުވުމުގައި، މާލޭގައި ދިރިއުޅުއްވާ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތައް ދާއިރާތަކަށް ބެއްސެވުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ކުރެވުނު މަޝްވަރާތަކުގެ އަލީގައި، އިލެކްޝަން ކޮމިޝަނުން ފޮނުއްވާފައިވާ ނޯޓުގައިވާ “2013 ވަނަ އަހަރު އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓަށް ބަދަލު ގެނައުމަށް ހުށަހަޅާ ގޮތް” ހިމަނާފައިވާ ކަރުދާހުގައިވާގޮތުގެމަތިން އަދި ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، މިހާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ އިންތިޚާބީ ދާއިރާތައް ކަނޑައަޅުއްވާފައިވާ ފައިނަލް ރިޕޯޓަށް ބަދަލު ގެންނެވުމަކީ، މިނިވަންމުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފެންނަ އެންމެ ރަނގަޅު ގޮތެއްކަމަށާއި، އިންތިޚާބީ ދާއިރާތަކުގެ ބޯޑަރތައް ކަނޑައެޅުއްވުމުގައި، މިހާރު އެދާއިރާތައް ތަމްސީލުކުރައްވާ މެންބަރުންނާއި އެކަމާގުޅޭ އެހެނިހެން ފަރާތްތަކާ އެކު މަޝްވަރާކުރެއްވުމަށްފަހު އެމަސައްކަތް ކުރިއަށް ގެންދެވުން ރަނގަޅުވާނެ ކަމަށް ފެންނަކަމަށް ވެސް ކޮމިޓީން ފާހަގަކުރެއްވިއެވެ.
މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ , ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ. މިބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
26 ޑިސެމްބަރު 2013