ސީޝެލްސްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ރިޕަބްލިކް އޮފް ސީޝެލްސްގެ ޤާނޫނުހަދާ މަޖިލިސް ނުވަތަ ނެޝެނަލް އެސެމްބްލީގެ ރައީސް ޑރ.ޕެޓްރިކް ހާމިނީ (Dr.Patrick Herminie)  މިއަދު މެންދުރުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރައްވައި މަޖިލީހުގެ ރައީސާއި މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ.

ސީޝެލްސްގެ ޤާނޫނު ހަދާމަޖިލީހުގެ ރައީސް ޑރ.ޕެޓްރިކް ހާމިނީ މަޖިލިސް ކުރާގެއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ އިސްތިޤްބާލު ކުރެއްވެވީ މަޖިލީހުގެ ނައިބްރައީސް އަލްފާޟިލް އަޙްމަދު ނާޒިމެވެ. ޑރ.ޕެޓްރިކް ހާމިނީ ވަޑައިގެންނެވީ އެވަގުތު ކުރިޔަށްދިޔަ މަޖިލީހުގެ ޖަލްސާ ބައްލަވާލެއްވުމަށެވެ. އެމަނިކުފާނު މަޖިލީހުގެ ޖަލްސާ ބައްލަވާލެއްވުމަށް މަޖިލީހުގެ ވީ.އައި.ޕީ ގެލެރީއަށް ވަޑައިގެންނެވުމުން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު ޑރ.ޕެޓްރިކް ހާމިނީގެ ނަން މަޖިލީހަށް އިޢުލާން ކުރައްވައި މަޖިލީހުގެ ފަރާތުން ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

މިއަދުގެ ޖަލްސާ މެންދުރު 1230 ގައި ހުސްވަގުތު ކޮޅަށް މެދުކަނޑާލެއްވުމުން އެވަގުތުގައި މަޖިލީހުގައި ތިއްބެވި މެންބަރުންނާއި ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ބައްދަލު ކުރައްވައި ސަލާމް ކުރެއްވިއެވެ. އެއަށްފަހު  މިއަދު 12:40 ގައި މަޖިލީހުގެ ރައީސް އާއި ސީޝެލްސްގެ ނެޝެނަލް އެސެމްބްލީގެ ރައީސް އާއި ދެމެދު ރަސްމީ މަޝްވަރާ ކުރެއްވުން ބޭއްވުނެވެ. މިގޮތުން ބޭއްވުނު ބައްދަލު ކުރެއްވުމުގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރ، ކެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރ، މާމިގިނލީ ދާއިރާގެ މެންބަރ އަލްފާޟިލް ޤާސިމް އިބްރާހިމާއި ޕީޕަލްސް އެލަޔަންސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ދިއްގަރު ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ނާޒިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލު ކުރެއްވުމުގައި މަޖިލީހުގެ ރައީސް ދިވެހިރާއްޖެއަށް އައިސްފައިވާ ބަދަލުތަކާއި މަޖިލީހަށް އައިސްފައިވާ އިޞްލާޙުތަކުގެ މަޢުލޫމާތު ސިޝޭލްސްގެ ނެޝެނަލް އެސެމްބްލީގެ ރައީސާ ހިއްސާ ކުރެއްވިއެވެ. އަދި ދެރައީސުންގެ މެދުގައި ދެކެވުނު ވާހަކަފުޅުގައި ސީޝެލްސް އާއި ދިވެހިރާއްޖެ އަކީ ވަރަށް އެކުވެރި ގާތްގުޅުމެއް އުފެދިފައިވާ ދެޤައުމު ކަމަށާއި ކޮމަންވެލްތް ޖަމްއިއްޔާގައި ހިމެނޭ ތަރައްޤީވުމަށް މަސައްކަތްކުރާ ކުދިޤައުމު ތަކުގެ ތެރެއިން ދެޤައުމު ކަމަށްވީތީ އެއްކަހަލަ ސިޔާސަތު ތަކަކާއި ސިފަތަކެއް އެކުލެވޭ ދެޤައުމުކަން ފާހަގަ ކުރެއްވިއެވެ. އަދި ރިޔާސީ ނިޒާމެއްގެ ތެރެއިން  ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް މަސައްކަތްކުރާ ދެޤައުމުކަންވެސް ފާހަގަ ކުރެއްވިއެވެ. ސީޝެލްސްގެ ނެޝެނަލް އެސެމްބްލީ އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އެއްބާރުލުން  އިތުރުވެ، ދެމަޖިލީހުގެ މެންބަރުންގެ މެދުގައި ކަންކަމުގެ ތަޖްރިބާ ހިއްސާކުރެއްވުމުގެ ފުރުޞަތު ކުރިޔަށް އޮތްތާނގައި ހުޅުވިގެން ދާނެކަމުގައި އުންމީދު ކުރައްވާ ކަމުގައި މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ސީޝެލްސްގެ ނެޝަނަލް އެސެމްބްލީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދެމަޖިލިސް ހިނގަމުންދަނީ ދާދި އެއްގޮތެއްގައިކަން ފާހަގަ ކުރައްވަވާ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން ފަދަ އެއްކަހަލަ ސިޔާސަތުތަކެއް ދެޤައުމުގައި ގެންގުޅެވޭ ކަމުގައި ވިދާޅުވިއެވެ.  އަދި ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި އެއްބާރުލުން އިތުރު ކުރައްވާނެކަމުގެ ޔަޤީންކަން މަޖިލީހުގެ ރައީސަށް އެރުވިއެވެ.

ސީޝެލްސްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ޑރ.ޕެޓްރިކް ހާމިނީ މަޖިލީހަށް ޒިޔާރަތް ކުރެއްވުމަށްފަހު މެންދުރުފަހުގެ ވަގުތެއްގައި މާލެ ބައްލަވާލެއްވުމުގެ ގޮތުން ބައެއް ތަންތަނަށް ޒިޔާރަތް ކުރެއްވިއެވެ.