މިއަދު ހިނގަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސުކޫތެއް ގެނެސްފި

މިއަދު ހިނގަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސުކޫތެއް ގެނެސްފިއެވެ.

އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި މިއަދު ހެނދުނު 9:20 ގައި ގެނެވުނު މިސުކޫތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގެން އެދުވަހު ގެއްލިގެންދިޔަ ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންގެ މައްޗަށް ހެޔޮދުޢާ ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވީ 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަކީ ރާއްޖޭގެ ތާރީޚުގައި ދެކެފައިނުވާ ފަދަ ބިރުވެރި، ނުރައްކާތެރި ހާދިސާއެއް ދިމާވި ދުވަހެއްކަމަށެވެ.

“އެއީ ސުނާމީގެ ބިރުވެރިކަން،” ޝާހިދު ވިދާޅުވިއެވެ. ” ތިޔަ އެންމެ ބޭފުޅުން، ތިޔަ އެންމެ ޢިއްޒަތްތެރި މެންބަރުން އަޅުގަނޑާ އެކު އެ ސުކޫތުގައި ބައިވެރިވެވަޑައިގަތުމަށް، އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް އަޅުގަނޑުމެންގެ މި ޤައުމަށް، އަޅުގަނޑުމެންގެ މި ދިވެހި ދައުލަތަށް ހެޔޮ ގޮތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރުންމަތީ ވަގުތުކޮޅެއް ހޭދަކޮށްދެއްވުމަށް އަޅުގަނޑު އެދޭނެ ވާހަކަ ދަންނަވަން.”

26 ޑިސެމްބަރ 2004 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީއާއި ގުޅިގެން ކޮންމެ އަހަރަކުވެސް މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.