ސީޝެލްސްގެ ނެޝެނަލް އެސެމްބްލީ ނުވަތަ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް ޑރ. ޕެޓްރިކް ހާމިނީ (Hon. Dr. Patrick Herminie) ރޭ ދަންވަރުގެ ވަގުތެއްގައި (7 ޖޫން 2010) ރާއްޖެއަށްވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިޒިޔާރަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވަވާ ރަސްމީ ޒިޔާރަތެކެވެ.
ރޭގައި އެމަނިކުފާނު ރާއްޖެވަޑައިގަތުމުން މާލޭ އިންޓަރނޭޝަނަލް އެއަރޕޯރޓުން މަރުޙަބާ ދަންނަވައި އިސްތިޤްބާލް ކުރެއްވެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުﷲ ޝާހިދުއެވެ. ސީޝެލްސްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ޑރ. ޕެޓްރިކް ހާމިނީ ގެ ޝަރަފުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވަވާ ރޭގަނޑުގެ ފަރިއްކޮޅެއް މިރޭ ކުރުނބާ ވިލެޖް ރިސޯރޓްގައި އޮންނާނެއެވެ. އަދި މާދަމާ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވަވައި، މަޖިލީހުގެ ރައީސާއި މެންބަރުންނާއިއެކު ރަސްމީ ބައްދަލުކުރެއްވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސީޝެލްސްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މިޒިޔާރަތުގައި ދެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދުގައި ގުޅުންބަދަހި ކުރެއްވުމުގެ ގޮތުންނާއި ތަޖްރިބާ ހިއްސާކުރެއްވުމުގެ ގޮތުން މަޝްވަރާކުރައްވަވާނެއެވެ.