“އޯގަނައިޒޭޝަން ފޮރ ދަ ނެޓްވަރކް އޮފް އެކްއަރކަލްޗަރ ސެންޓަރސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް (ނާކާ)” ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެންނަކަމަށް މަޖިލީހުން ފާސްކުރައްވައިފި

_CHR1838 މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ 19 ވަނަ ޖަލްސާގައި، “އޯގަނައިޒޭޝަން ފޮރ ދަ ނެޓްވަރކް އޮފް އެކްއަރކަލްޗަރ ސެންޓަރސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް (ނާކާ)” ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެންނަކަމަށް 61 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، “އޯގަނައިޒޭޝަން ފޮރ ދަ ނެޓްވަރކް އޮފް އެކްއަރކަލްޗަރ ސެންޓަރސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް (ނާކާ)” ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، އެ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް، ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް 03 ޑިސެމްބަރ 2013 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ފޮނުއްވާފައިވެއެވެ.

 މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ނާކާގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ އިޤްތިޞާދީ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާދެއްވީ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމްއެވެ.  “އޯގަނައިޒޭޝަން ފޮރ ނެޓްވަރކް އޮފް ދަ އެކްއަރކަލްޗަރ ސެންޓަރސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް” (ނާކާ) ގައި ދިވެހިރާއްޖެއިން ބައިވެރި ވުމުން، ދިވެހިރާއްޖޭގެ މެރިކަލްޗަރ ތަރައްޤީކުރުމަށް ނާކާގައި މިހާރު ބައިވެރިވެފައިވާ ޤައުމުތަކުން މާލީ އަދި ފަންނީ އެހީތެރިކަން ނާކާ މެދުވެރިކޮށް ލިބޭނެކަމަށް މިރިޕޯޓްގައި ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، މާލީގޮތުން ފައިދާތަކެއް ކުރާނެކަމަށާއި ނާކާގައި ބައިވެރިވުމުން މެންބަރޝިޕް ފީގެ ގޮތުގައި އަހަރަކު 10000 (ދިހަހާސް) އެމެރިކާ ޑޮލަރުގެ އިތުރުން އެހެން އެއްވެސް ފީ އެއް ދައްކަންނުޖެހޭކަމަށްވެސް މިރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 25 ޑިސެމްބަރު 2013 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.

24 ޑިސެމްބަރ 2013