ކޮރަޕްޝަނުގެ ސަބަބުން ބޫޓާނުގެ ޑިމޮކްރަސީއާއި ތަރައްޤީއަށް ގޮންޖެހުން ކުރިމަތިވެފައިވާކަމަށް ބޫޓާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

އެސޯސިއޭޝަން އޮފް ސާރކް ސްޕީކާރސް އެންޑް ޕާލިމެންޓޭރިއަންސް (އޭ.އެސް.އެސް.ޕީ) ގެ 7 ވަނަ ބައްދަލުވުމުގެ އާންމު ޖަލްސާގައި ބޫޓާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޖިގްމޭ ޒަންގްޕޯ ވާހަކަ ދައްކަވައިފިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ބިނާކުރެއްވީ ކޮރަޕްޝަންގެ ސަބަބުން ބޫޓާންގެ ޑިމޮކްރަސީ އާ ތަރައްޤީއަށް ކުރިމަތިވި ގޮންޖެހުންތަކުގެ މައްޗަށެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒާންގްޕޯ ވިދާޅުވީ ކޮރަޕްޝަން ނައްތާލުމުގެ ގޮތުން މިނިވަން މުޢައްސަސާތައް ވަރުގަދަކޮށް، ހަރުދަނާ ކުރުން މުހިންމު ކަމަށެވެ. މި ލަނޑުދަނޑި ހާސިލު ނުކުރެވޭނަމަ ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމްކުރުމުގެ މަސައްކަތް ކާމިޔާބު ނުވާނޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޫޓާނުގެ އައު ޤާނޫނުއަސާސީގެ ދަށުން މިނިވަން މުއައްސަސާތަކެއް ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންއަކާ، އެލެކްޝަންސް ކޮމިޝަންއަކާ، ރޯޔަލް ސިވިލް ސަރވިސް ކޮމިޝަނެއް އަދި ރޯޔަލް އޮޑިޓް އޮތޯރިޓީއެއް ހަމަޖެހިފައިވެއެވެ. ބޫޓާންގައި މި މިނިވަން މުއައްސަސާތައް މިހާރު ހަރުދަނާވެ ކުރިއަރަމުންދާ ކަން ފާހަގަކުރައްވަމުން ޒާންގްޕޯ ވިދާޅުވީ، ދައުލަތުގެ މުޢައްސަސާތައް ހަރުދަނާކޮށް އެގޮތުގައި ދެމެހެއްޓުމުގެ ގޮތުން ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު ސަރުކާރެއް ޤާއިމްނުކުރުން މުހިންމު ކަމަށެވެ.

މީގެ އިތުރުން ޤާނޫނު ހަދާ މަޖިލިސްތަކުން މިނިވަން މުޢައްސަސާތަކަށް ޢައްޔަނުކުރާ ބޭފުޅުނަކީ ތަޖްރިބާކާރު، ޤާބިލް ބޭފުޅުންކަން ކަށަވަރުކުރުން ވަރަށް މުހިންމު ކަމަށްވެސް ޒާންގްޕޯ ވިދާޅުވިއެވެ. ޑިމޮކްރަސީ ވަރުގަދަކުރުމަކީ ކޮންމެ ޤައުމެއްގެ ރައްޔިތެއްގެ ޒިންމާއެއް ކަމުގައި ވީނަމަވެސް، މިނިވަން މުއައްސަސާތައް ކުރިއަރުވާ، މި ލަނޑުދަނޑިތައް ހާސިލްކުރުމުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރެވޭނީ ޤާނޫނު ހަދާ މަޖިލިސްތަކުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޒާންގްޕޯ ދެއްކެވި ވާހަކަފުޅުގައި މީޑިޔާއަށް އެއްބާރުލުން ދިނުމުގެ މުހިންމު ކަން ފާހަގަކުރައްވާ، މީޑިޔާ ވަރުގަދަކުރުމަށް ބޫޓާންގެ ސަރުކާރުން މިހާރު ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މިނިވަން އަދި ހަމަހަމަކަމުގެ އުސޫލުތަކާ އެއްގޮތަށް މީޑިޔާގެ ދާއިރާ ބައްޓަންނުވާނަމަ، ޑިމޮކްރަސީގެ ދައުރު ފުރިހަމަ ނުވާނެ ކަމަށްވެސް ޒާންގްޕޯ ވިދާޅުވިއެވެ.

ޒާންގްޕޯގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މަސައްކަތްތެރި ޖަމްޢިއްޔާ ޖަމާޢަތްތައް ދެކުނު އޭޝިޔާ ސަރަޙައްދުގައި ގިނަވަމުން ދާކަން އެކި ފަރާތްތަކުން ފާހަގަކުރައްވާ ކަމަށެވެ. އެގޮތުން އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމާޢަތްތަކާ، އިޤްތިޟާދީ ކުރިއެރުން އަދި ޓެރަރިޒަމް ނައްތާލުމަށް މަސައްކަތް ކުރާ ޖަމާޢަތްތައް މިސާލެއްގެ ގޮތުގައި ޒާންގްޕޯ ފާހަގަކުރެއްވިއެވެ. އަދި ޑިމޮކްރަސީ ހަރުދަނާކުރުމަށް މި ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އޭނާ ހިއްވަރުދެއްވިއެވެ.