އީރާނުގެ ސަފީރު ނައިބު ރައީސާއި ބައްދަލުކުރައްވަވައިފި

އިރާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލެންސީ މިސްޓަރ މަޙްމޫދު ރަހީމީ ގޯރޖީ (H.E. Mr. Mahmoud Rahimi Gorji) އިއްޔެ މެންދުރުފަހު (6 ޖޫން 2010) 13.30 ގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް އާ ބައްދަލުކުރައްވަވައިފިއެވެ.

މަޖިލިސް ކުރާގޭގައި ބޭއްވުނު މިބައްދަލުކުރެއްވުމަކީ އީރާނުގެ ޤާނޫނުހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލީހާއި ދެމެދުގައި ގުޅުން ބަދަހި ކުރުމުގެ ގޮތުން މަޝްވަރާ ކުރެއްވުމާއި އަދި އީރާނުން އަހައްމިއްޔަތުކަމެއް ދޭ ދެޖަމްއިއްޔާ އެއްކަމުގައިވާ އިސްލާމީ ޤައުމުތަކުގެ ޕާރލިމަންޓްރީ ޔޫނިއަންއާއި އޭޝިއަން ޕާރލިމަންޓްރީ އެސެމްބްލީގެ ހަރަކާތްތަކާބެހޭ ގޮތުން ޚިޔާލު ބަދަލުކުރެއްވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. ދާދިފަހުން ތުރުކީގައި ބޭއްވުނު ޕާރލިމަންޓްރީ ޔޫނިއަން އޮފް އޯރގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ ފަރާތުން އިޒްރޭލުން ފަރާތުން ފަލަސްތީނުގެ ހިފާފައިވާ ބިމުގައި ޔަހޫދީން އާބާދުކުރުން ހުއްޓުވުމާ ގުޅޭގޮތުން ބޭއްވުނު ކޮންފަރެންސްގައި ނައިބު ރައީސް ވަނީ ބައިވެރިވެޑައިގެންފައެވެ.

އިސްލާމިކް ޕާރލިމެންޓްރީ ޔޫނިއަން އޮފް އޯއައިސީ މެމްބަރ ސްޓޭޓްސް، މިޖަމްއިއްޔާގެ މަޤްސަދަކީ އިސްލާމީ ޤައުމުތަކުގެ ޤާނޫނުގެ ހަދާ މަޖިލިސްތަކުގެ މެދުގައި އިސްލާމީ އަޚްވަންތަކަން ބަދަހިކޮށް އިސްލާމީ ޤައުމުތަކަށް ދިމާވެފައިވާ ދުނިޔެވީ ގޮންޖެހުންތަކަށް ޤާނޫނުހަދާ މަޖިލިސްތައް މެދުވެރިވެގެން ހައްލު ހޯދެވޭތޯ މަސައްކަތްކުރުމެވެ.

އިއްޔެ ބޭއްވުނު މިބައްދަލު ކުރެއްވުމުގައި އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އީރާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ކުރިން ދެއްވަވާފައިވާ ދަޢުވަތު ތަކުރާރު ކުރައްވަވައި މަޖިލީހުގެ ރައީސަށް ފަސޭހަފުޅު ތާރީޙެއްގައި މިއަހަރު މިދަތުރުފުޅު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.