އެސޯސިއޭޝަން އޮފް ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސްގެ 7 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ބޫޓާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް ޖިގްމީ ޝުލްޓިމް(Hon. Mr. Jigme Tshultim ) މިއަދު ރާއްޖެއަށްވަޑައިގެންފިއެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ޔޫއެލް ފްލައިޓް 105 އިން ދަންވަރު 01:15 ގައެވެ.
އެމަނިކުފާނު ރާއްޖެވަޑައިގަތުމުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯރޓުން ރަތް ދޫލައިން މަރުޙަބާ ދަންނަވައި އިސްތިޤްބާލް ކުރެއްވެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ. އަދި އެމަނިކުފާނަށް އޮނަރ ގާޑެއް އެރުވުނެވެ.
އެސޯސިއޭޝަން އޮފް ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް އަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި މައުލޫމާތާއި ތަޖުރިބާ ޕާލިމަންޓަރީ މަންދޫބުންގެ މެދުގައި ހިއްސާކޮށް މަޝްވަރާކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. އެސޯސިއޭޝަން އޮފް ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސްގެ 7 ވަނަ ބައްދަލުވުން ކުރިއަށްދާނީ ހޮނިހިރު އަދި އާދީއްތަ ދުވަހު ބަންޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
ތިންދުވަހަށް ކުރިއަށްދާ މިބައްދަލުވުން އިފްތިތާޙު ކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމް އެވެ.
މިބައްދަލުވުމުގައި ދެ ޝިޔާރަކާ ބެހޭގޮތުން ޖަލްސާގެ ޖެނެރަލް އެސެމްބްލީގައި ބަހުސްކުރެވޭނެއެވެ. މި ދެ ޝިޔާރަކީ “މިނިވަން މުއައްސަސާތައް އިތުރަށް ހަރުދަނާ ކޮށްގެން ދެކުނު އޭޝިޔާގައި ޑިމޮކްރަސީ އިތުރަށް ތަރައްޤީ ކުރުން” އަދި “ޑިމޮކްރަސީއާ އެންމެންގެ ބައިވެރިވުމާއެކު ސާކް އެމް.ޑީ.ޖީގެ ލަނޑުދަނޑިތައް ހާސިލްކުރުން” އެވެ.
މިއަހަރުގެ ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން މަންދޫބުންގެ ގޮތުގައި ބައިވެރިވަޑައިގަންނަވާ 5 ޤައުމަކީ އަފްގާނިސްތާން، ބޫޓާން، އިންޑިޔާ، ސްރީ ލަންކާ އަދި ޕާކިސްތާން އެވެ. ނޭޕާލް އަދި ބަންގްލަދޭޝް، އެގައުމުތައް ސިޔާސީ މަޝްރަހު ހުރިގޮތުން ބައިވެރިވަޑައިނުގަންނަވައެވެ.
ސާކް ސްޕީކާސް އެންޑް ޕާލިއަމެންޓޭރިއަންސްގެ 7 ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހުނީ 2012 ވަނަ އަހަރު އިސްލާމްއާބާދުގައި ބޭއްވުނު މިއެސޯސިއޭޝަންގެ 6 ވަނަ ބައްދަލުވުމުގައިއެވެ. އެސޯސިއޭޝަން އޮފް ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް އަކީ 1992 ވަނަ އަހަރު އުފެއްދުނު ޖަމްއިއްޔާއެކެވެ.
19 ޑިސެމްބަރު 2013