ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރައްވާ ކޮމިޓީން ޤާނޫނުލް އުޤޫބާތުގެ ބިލު ބައްލަވާ ނިންމަވައިފި

 ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރައްވާ ކޮމިޓީގެ 59 ވަނަ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ ކޮމެންޓްތަކާމެދު މަޝްވަރާކުރައްވާ ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ އިސްލާހުތައް ބިލުގައި ހިމެނުއްވުމަށް ނިންމެވިއެވެ. އަދި، ބިލުގެ މަސައްކަތް ނިންމަވާލެއްވިއެވެ.

އަދި، ކޮމިޓީގެ ރިޕޯޓް 16 ޑިސެމްބަރ 2013 ވާ ހޯމަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ގަވައިދުގެ 116 ވަނަ މާއްދާގައިވާގޮތުގެ މަތިން ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރައްވާ ކޮމިޓީން، ކޮމިޓީގެ ރިޕޯޓް ފޮނުވާނެކަމަށް ކޮމިޓީގެ މުޤައްރިރު ވިދާޅުވިއެވެ. އަދި އެއަށްފަހު ބިލާގުޅޭގޮތުން، މަޢުލޫމާތު ދެއްވުމަށް މީޑިއާއެކު ބައްދަލުވުމެއް ބާއްވާނެކަމަށްވެސް ކޮމިޓީ ނިންމަވާލައްވަމުން މުޤައްރިރު ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރު، މާފަންނު އުތުރު ދާއިރާގެ މެންބަރު   އިމްތިޔާޒް ފަޙްމީ އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދުއެވެ.