“ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2013″ގެ ބައިވެރިންނާ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

Youth Parliamentއަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އިން އިސްނަގައިގެން، ކުރިއަށްގެންދާ ” ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2013″ ގެ 40 ބައިވެރިންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ރޭ ބައްދަލުކުރައްވައިފިއެވެ.

ބަންޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި އޮތް މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް ވަނީ ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2013 ގެ ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި، ބައެއް މައްސަލަތަކުގައި އެމަނިކުފާނު ގެންގުޅުއްވާ ވިސްނުން އަދި ޚިޔާލު ބަޔާންކޮށްދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިއަހަރުވެސް ޔޫތް ލީޑަރޝިޕްް ޕްރޮގްރާމްގައި ބައިވެރިވާ ދެ ޒުވާނަކަށް ކޮމަންވެލްތް ދުވަސް ފާހަގަކުރުމަށް ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) އިން އިންތިޒާމްކުރައްވައިގެން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ދިޔުމުގެ ފުރުޞަތު ޕްރޮގްރާމްގެ 2 ޒުވާނަކަށް ރައްޔިތުންގެ މަޖިލީހުން ދެއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އަތޮޅުތަކާއި މާލެއިން ހޮވާލެވިފައިވާ ޒުވާނުން ބައިވެރިވާ މި މިޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 15 ގެ ނިޔަލަށެވެ. މިއީ 2010 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއިއެކު ޑިމޮކްރަސީ ހައުސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ބައިވެރިން މިއަހަރުވެސް މޮކް – ޕާލިމެންޓެއް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވެއެވެ.

11 ޑިސެމްބަރ 2013