ސާކް ސްޕީކަރސް އެންޑް ޕާލަމެންޓޭރިއަންސްގެ 7 ވަނަ ކޮންފަރެންސްގެ މަސައްކަތްތައް ރޭވެމުންދާ ގޮތާއި، ކޮންފަރެންސްއަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ނޫސްވެރިންނަށް މައުލޫމާތު ދެއްވައިފި

މިމަހުގެ 21ގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސްގެ 7 ވަނަ ކޮންފަރެންސްގެ މަސައްކަތްތައް ރޭވެމުންދާގޮތާއި، ކޮންފަރެންސަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު، ނޫސްވެރިންނާ ޙިއްޞާ ކުރައްވައިފިއެވެ. މިމަޢުލޫމާތުތައް އެމަނިކުފާނު ޙިއްޞާ ކުރެއްވީ، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލީހުގެ ގޭގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހަތްވަން ސްޕީކަރސް ކޮންފަރެންސްގެ ޝިޢާރަކީ “މިނިވަން މުއައްސަސާތައް އިތުރަށް ހަރުދަނާ ކޮށްގެން ދެކުނު އޭޝިޔާގައި ޑިމޮކްރަސީ އިތުރަށް ތަރައްޤީ ކުރުން އަދި ޑިމޮކްރަސީއާ އެންމެންގެ ބައިވެރިވުމާއެކު ސާކް އެމް.ޑީ.ޖީގެ ލަނޑުދަނޑިތައް ހާސިލްކުރުން” ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މި ކޮންފަރެންސް ގެ ސަބަބުން ރާއްޖޭގެ ބަރުލަމާނީ ހަޔާތަށް ކުރިއެރުންތަކެއްލިބި، މަޖިލީހުގެ މެންބަރުންނަށް އިތުރު ފުރުސަތުތަކެއްލިބި އަދި ރާއްޖޭގައި ޑިމޮކްރަސީ ކުރިއެރުމުވަށް ކުރަމުން ގެންދާ މަސައްކަތްތައް ދުނިޔޭގެ އެހެން ގައުމުތަކަށް ފާޅުކަންބޮޑު ގޮތެއްގައި ދައްކުވައިދެވޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އަދި މިކޮންފަރެންސްގެ މައިގަނޑު މަޤްސަދަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ މެދުގައި ޕާލިމަންޓަރީ ކަންކަމުގައި ބައިވެރިވުން އުފެއްދުމާއި އެކުވެރިކަން އާލާކުރުމާއި ކަންކަމުގައި ތަޖުރިބާ ބަދަލުކުރުމުގެ ފުރުސަތުތައް ހޯދައިދީ، އަދި ހަމަ އެއާއެކު ސާކް ހިންގުމުގައި، ސާކްގެ މަސައްކަތްތައް ކުރުމުގައި، ސާކްގެ ޕާލިމަންޓޭރިއަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެދުވެރިކޮށް ކުރެއްވޭނެ މަސައްކަތްތައް ކުރުން ކަމުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، 2012 ޕާކިސްތާނުގައި ބޭއްވުނު ކޮންފަރެންސްގެ ފަރާތުން، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމެވި  މިކޮންފަރެންސްގައި 6 ގައުމަކުން ބައިވެރިވާކަމަށް ވިދާޅުވިއެވެ. އެއީ އަފްގާނިސްތާން، ބޫޓާން، އިންޑިޔާ، ޕާކިސްތާން، ސްރީލަންކާ، އަދި ދިވެހިރާއްޖެއެވެ. ނޭޕާލް އަދި ބަންގްލަދޭޝް ސިޔާސީ މަޝްރަހު ހުރިގޮތުން  އަދި މަޖިލީހުގެ ކަންތައްތައް ހުރިގޮތުން އެގައުމުތަކުން ބައިވެރިވަޑައިނުގެންނެވޭނެކަން ވަނީ އަންގަވާފައިކަމަށް މަޖިލީހުގެ ރައީސް ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.  މި ކޮންފަރެންސް ހުޅުއްވައިދެއްވަނީ ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް ޢަބްދުﷲ ޔާމިން ޢަބްދުލް ގައްޔޫމްއެވެ. ރައްޔިތުންގެ މަޖިލީހުގެ ފަރާތުން 21 މެންބަރުންގެ ވަފުދެއް، އަދި އެހެން ގައުމުތަކުން 8 މެންބަރުންގެ ވަފުދެއް ބައިވެރިވަޑައިގަންނަވައެވެ. މިކޮންފަރެންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސަރަހައްދުގެ ރައްޔިތުންގެ މަޖިލިސްތަކުގެ އަންހެން މެންބަރުންގެ ބައްދަލުވުމުގައިވެސް ރާއްޖޭގެ ފަރާތުން ބައިވެރިވެ، ދެކުނު އޭޝިޔާގެ ސިޔާސީ ހަޔާތުގައި އަންހެން ބޭކަނބަލުންގެ ބައިވެރިވުން އިތުރުކުރުން ހިމަނުންވާފައިވެއެވެ. ޖުމްލަ 60 އެއްހާ މަންދޫބުން މިޖަލްސާގައި ބައިވެރިވަޑައިގަންނަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، މި ކޮންފަރެންސްގެ ކަންތައްތައް މިހާތަނަށް އިންތިޒާމްކޮށް ކުރިއަށްގެންދެވުމުގައި މަޖިލީހުގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ފަރާތުންނާއި، މަޖިލީހުގެ ނާއިބު ރައީސްގެ ފަރާތުންނާ، ސަރުކާރާއި، މިނިވަން މުއައްސަސާތަކާއި އަދި މާލޭ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް އެހީތެރިކަން ރައްޔިތުންގެ މަޖިލީހަށް ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ

މި ކޮންފަރެންސްގައި މީޑިޔާގެ ފަރާތުން ވަރަށް ބޮޑު ރޯލެއް އަދާކުރާނެކަމަށާއި، ކޮންފަރެންސް ގެ ކަންތައްތައް ކުރިޔަށްދާ ގޮތް އަދި ކޮންފަރެންސް ގެ މައުލޫމާތު މީޑިއާގެ ފަރާތުން ރައްޔިތުންނަށާއި، މިސަރަހައްދުގެ އެހެންފަރާތްތަކަށް ގެންގޮސްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

10 ޑިސެމްބަރ 2013