ބަޖެޓް ދިރާސާކުރާ ކޮމިޓީން 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމުގައި އަމަލު ކުރާނެ ތާވަލާމެދު ގޮތެއް ނިންމަވައިފި

މިއަދު ބޭއްވުނު ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި 2014 ވަނަ އަހަރަށް ލަފާ ކުރައްވާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ބަޖެޓް ދިރާސާކުރެއްވުމުގައި ޢަމަލު ކުރާނެ ތާވަލާމެދު ގޮތެއް ނިންމަވައިފިއެވެ.

މިގޮތުން، ނިންމަވާފައިވަނީ ޑިސެމްބަރ 12,11 އަދި 14 ގައި މިނިވަން މުއައްސަސާ ތަކުގެ ބަޖެޓާ ގުޅޭ ގޮތުން އެ މުއައްސަސާތަކާ ބައްދަލުކޮށް ކުރެވޭ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް ގޮތެއް ކަނޑައެޅުމާއި، ޑިސެމްބަރ 11 ވަނަ ދުވަހު ބަޖެޓާ ގުޅޭ ގޮތުން ގަވަރނަރ އަދި އޮޑިޓަރ ޖެނެރަލްއާ ކޮމިޓީން ބައްދަލުކުރެއްވުމާއި، ޑިސެމްބަރ 15 ވަނަ ދުވަހު ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓާގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ކަނޑައެޅުމާއި، 16 ޑިސެމްބަރ ގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް ތަކާގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ކަނޑައެޅުއްވުމާއި، ޑިސެމްބަރ 17 ގައި އާމްދަނީ އިތުރުކުރަން ކަނޑައަޅުއްވާފައިވާ ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ކަނޑައެޅުއްވުމާއި، ޑިސެމްބަރ 18 ވަނަ ދުވަހު ބަޖެޓަށް ހުށަހަޅަން ބޭނުންވާ ޖެނެރަލް ރިކޮމެންޑޭޝަންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ކަނޑައަޅެމާއި އަދި 2014 ވަނަ އަހަރަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޖުމްލަ ބަޖެޓަށް ކޮމިޓީން ގެންނެވި އިޞްލާޙްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ކަނޑައެޅުއްވުމެވެ.

މީގެއިތުރުން، ޑިސެމްބަރ 20,19 ގައި ކޮމިޓީން ރިޕޯޓް އެކުލަވާލައްވައި އަދި ޑިސެމްބަރ 21 ވަނަ ދުވަހު ކޮމިޓީ ރިޕޯޓް މަޖިލީހުގެ ރައީސަށްވެސް ފޮނުއްވުމަށް ނިންމަވާފައިވެއެވެ.

އަދި، 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ހުށަހެޅިފައިވާ އިޞްލާހުތަކާ ގުޅޭގޮތުން މެންބަރުން ބޭނުންފުޅުވާ މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދުއާ މިއަދު 13:30 ގައި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީޙް މުޙަންމަދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލްއެވެ.

10 ޑިސެމްބަރު 2013