މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވަންޖެހެނީ، 30 ޑިސެމްބަރު 2013 ގައި ކަމަށްވުމާއެކު، ބަޖެޓް ރިޕޯޓުގެ މަރުޙަލާތައް ގެންދެވުމަށް ގަސްދުކުރައްވާ ފޮނުއްވި ތާވަލަށް މަސައްކަތްތައް ނިންމެވޭނެގޮތަކަށް ބަޖެޓް ކޮމިޓީގެ މަސައްކަތް ކޮށްދެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން، މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ ބޭއްވޭނީ 30 ޑިސެމްބަރު 2013 ގައި ކަމަށްވުމާއެކު،  ބަޖެޓް ރިޕޯޓުގެ މަރުޙަލާތައް ގެންދެވުމަށް ގަސްދުކުރައްވާ ފޮނުއްވި ތާވަލަށް މަސައްކަތްތައް ނިންމެވޭނެގޮތަކަށް ބަޖެޓް ކޮމިޓީގެ މަސައްކަތް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

ކޮމިޓީގެ މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމަށް މިއަދު މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީގައި، ބަޖެޓް ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމަށްޓަކައި ޑިސެމްބަރު މަހުގެ 15 ގެ ކުރިން މަޖިލީހުގެ ރައީސަށް ފޮނުއްވައިދެއްވުމަށާ އަދި ބަޖެޓް ރިޕޯޓްގެ މަރުޙަލާތައް ގެންދަވަން ގަސްދުކުރައްވާގޮތުގެ ތާވަލެއް ކޮމިޓީގެ މުޤައްރިރަށް ފޮނުއްވާފައިވާނެކަމުގައި ދަންނަވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ކ) ގައި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މަސައްކަތް ނިންމައި، ހިނގަމުންދާ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބަޖެޓާމެދު މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި އަހަރު ނިމުމުގެ 7 ދުވަސް ކުރިން ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.