ތިމާވެށީގެ ދުވަހުގެ ހިނގާލުމުގައި މަޖިލީހުގެ އިދާރާ ބައިވެރިވެއްޖެ

ދުނިޔޭގެ ތިމާވެށީގެ ދުވަސް (5 ޖޫން) މިއަހަރު ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓުން އާންމުކޮށް ހުޅުވާލައިގެން އިއްޔެ މާލޭގެ މަޖީދީމަގުގައި ބޭއްވުނު ހިނގާލުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން ބައިވެރިވެއްޖެއެވެ. ސަރުކާރާއި ދައުލަތުގެ ގިނަ މުއައްސަސާތަކަކާއި ކުންފުނިތަކާއި އަމިއްލަ ޖަމުއިއްޔާތައް އަދި ސްކޫލުތަކުން ބައިވެރިވި މިހިނގާލުން ފެށުނީ ސޯޝަލް އެޑިއުކޭޝަން ސެންޓަރ ކުރިމަތިން ހަވީރު 4:20 ގައެވެ. ނިމުނީ ހެނދިގޮޑުދޮށަށެވެ.

ހިނގާލުން ނިންމާލުމުގެ ގޮތުން މިނިސްޓަރ އޮފް ހައުސިސްގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަމެންޓް އަލްފާޟިލް އަޙްމަދު އަސްލަމް ވާހަކަފުޅު ދައްކަވަމުން މިއަހަރުގެ ހިނގާލުގައި މިދިޔަ އަހަރަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވިކަން ފާހަގަ ކުރައްވަވައި ތިމާވެށީގެ އަހްމިއްޔަތުކަން ފާހަގަކޮށް ތިމާވެށީގެ ކަންކަމަށް ރައްޔިތުން ސަމާލުވެ ތިބުމަށް ހަނދާންކޮށް ދެވޭގޮތަށް އެހުރިހާ ފަރާތްތަކަކުން މިހިނގާލުމުގައި ބައިވެރިވެ ވަޑައިގެންދެއްވީތީ ޝުކުރު އަދާކުރެއްވެވިއެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އދ. މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ބަންކީމޫންވެސް ވަނީ ޚާއްސަ ޚިތޯބެއް ނެރުއްވާފައެވެ. މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ޝިއާރުކަމަށްވާ ” ގިނަ ދިރޭތަކެތި-އެއްދުނިޔެއެއް-އެއްމުސްތަޤްބަލެއް”

(Many Species. One Planet. One Future)  ، މިޝިއާރުގެ މައްޗަށް އަލިއަޅުވާ ލައްވައި، ދިރޭތަކެތީގެ ނަސްލުތައް ނެތެމުންދިއުމުގެ ބިރުވެރިކަން  އިތުރު ވަމުންދާކަން ފާހަގަ ކުރައްވަވައި ދުނިޔޭގެ އެކިތަންތަނގައި އުޅޭދިރޭތަކެތި ހިމާޔަތްކޮށް ބެލެހެއްޓުމަށް ދުނިޔޭގެ މީސްތަކުންނަށް އިލްތިމާސް ކުރައްވާފައިވެއެވެ.