ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން، އެމް.ޑީ.އޭ އަށް 1 ގޮނޑި އިތުރުކޮށް އަދި ކޮމިޓީގެ ޖުމްލަ ޢަދަދު އޮނަހިރި ޢަދަދެއްކަމަށްވާ 13 އަށް ހަމަޖެއްސުމަށްޓަކައި މި ވަގުތު މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ އެމް.ޑީ.ޕީ އަށް 1 ގޮނޑި ހަމަޖެއްސުމަށް ފާސްކުރައްވައިފި

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން، “މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް” (އެމް.ޑީ.އޭ) އަށް ހަމަޖައްސާ 1 ގޮނޑި އިތުރުކޮށް އަދި ކޮމިޓީގެ ޖުމްލަ ޢަދަދު އޮނަހިރި ޢަދަދެއްކަމަށްވާ 13 އަށް ހަމަޖެއްސުމަށްޓަކައި އިތުރުކުރެވޭ 1 ގޮނޑި މި ވަގުތު މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ “ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ” (އެމް.ޑީ.ޕީ) އަށް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ 41 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 19 މެންބަރުންނެވެ.

މިއަދުގެ ޖަލްސާގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް އެޖެންޑާކުރެވިފައިވެއެވެ. ނަމަވެސް އެބިލު ހުށަހެޅުއްވި މެންބަރު ވަނީ އެ ބިލު ބަހުސްގެ މަރުހަލާގެ ކުރިން އަނބުރާ ގެންދަވާފައެވެ.

އަދި ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަޤާމުގައި ހުންނެވި މ. ޑޯން ޝައިން އަލްއުސްތާޛު އަޙްމަދު މުޢިއްޒު އެ މަޤާމުން ވަކިކުރުމަށް އެދި ޤާނޫނުއަސާސީގެ 228 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅުއްވައި މެންބަރުން ބަހުސް ކުރައްވާފައިވެއެވެ. ނަމަވެސް ވޯޓަށް އެހުމަށް ގާތްވެފައިވަނިކޮށް ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަޤާމުގައި ހުންނެވި މ. ޑޯން ޝައިން އަލްއުސްތާޛު އަޙްމަދު މުޢިއްޒު އެ މަޤާމުން އިސްތިއުފާ ދެއްވުމާގުޅިގެން، މިމައްސަލައަށް ވޯޓަށް އައްސަވާފައެއް ނުވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 26 ނޮވެންބަރު 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

25 ނޮވެންބަރު 2013