“ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދު” އާއި “ރީބްރޯޑްކާސްޓްކުރާ ޗެނަލް ކްލެސިފައިކުރުމުގެ ގަވާއިދު” އާއި “ދިވެހިރާއްޖޭގައި ޝާއިޢުކުރާ އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދު”، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 ގައި ހިމެނުމާބެހޭ ގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުއްވިގޮތަށް ފާސްކުރައްވައިފި

“ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދު” އާއި “ރީބްރޯޑްކާސްޓްކުރާ ޗެނަލް ކްލެސިފައިކުރުމުގެ ގަވާއިދު” އާއި “ދިވެހިރާއްޖޭގައި ޝާއިޢުކުރާ އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދު”، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 ގައި ހިމެނުމާބެހޭ ގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުއްވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ 55 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 2 މެންބަރުންނެވެ. އަދި ވަކިފަރާތަކަށް 5 މެންބަރުން ވޯޓް ދެއްވާފައެއް ނުވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ދަރިވަރުންގެ ލޯނުގެ ބިލު، ޤައުމީ ތަރައްޤީގެ ކޮމިޓީގެ ތާވަލުން އުނިކުރުމާމެދު މަޖިލީހުން ރިޢާޔަތްކުރައްވައި ގޮތެއް ނިންމަވައިދެއްވުން އެދިވަޑައިގެން ޤައުމީ ތަރައްޤީގެ ކޮމިޓީން ހުށަހަޅުއްވާފައިވާ ރިޕޯޓް ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އަހާފައިވެއެވެ. ނަމަވެސް ފާސްކުރައްވާފައެއް ނުވެއެވެ. މިހާރު މިބިލު ވަނީ ކޮމިޓީގެ ތައާވަލުގައި އަލުން ހިމެނިފައެވެ.

މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 5 ބޭފުޅުންގެ ނަންފުޅު މަޖިލީހަށް އިއްވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް، ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގައި އިޢުލާނުކުރުމާއި، އެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް، މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ހުށަހަޅުއްވާފައިވެއެވެ.

އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 26 ނޮވެންބަރު 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

25 ނޮވެންބަރު 2013