ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީން، 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ބައްދަލުކުރައްވައިފި

_CHR1661 މިއަދު ބޭއްވުނު، 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ 03 ވަނަ ބައްދަލުވުމުގައި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓަކީ، 17 ނޮވެމްބަރ 2013 ގައި އިންތިޚާބު ވެފައިވާ އައު ސަރުކާރު ޤަބޫލުކުރައްވާ ބަލައިގަންނަ ބަޖެޓެއްތޯ ބެއްލެވުމަށާއި، ހުށަހެޅިފައި މިވާ ބަޖެޓަށް، އައު ސަރުކާރުން އެއްވެސް ބަދަލެއް ގެންނަވަން ބޭނުންފުޅުވޭތޯ ބެއްލެވުމަށްޓަކައި، 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ބައްދަލުކުރެއްވިއެވެ.

މިގޮތުން، 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މިނިސްޓަރާ ކުރެއްވި ސުވާލުތަކަށް މިނިސްޓަރ ޖަވާބުދެއްވިއެވެ. އަދި މިހާރު ހުށަހެޅިފައިވާ ބަޖެޓަށް ސަރުކާރުން ގެންނަވަން ބޭނުންފުޅުވާ ރިވިޝަންތަކެއް ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެރިވިޝަންތައް 25 ނޮވެމްބަރގެ ނިޔަލަށް ކޮމިޓީއަށް ފޮނުއްވާދެއްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން، 25 ނޮވެމްބަރ 2013 ވާ ހޯމަ ދުވަހު ކޮމިޓީއަށް އެ ރިވިޝަންތައް ހުށަހެޅުއްވުމުން ބަޖެޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ނިންމަވާ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

މިއަދު ބޭއްވުނު ބަޖެޓް ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޢަފޫރު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު،  ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީޙް މުޙަންމަދު އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއެވެ.

20 ނޮވެމްބަރ 2013