2014 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ކުރިއަށް ގެންދަވައިފި

2014 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ރައްޔިތުންގެ މަޖިލީހުން މިއަދުގެ ޖަލްސާގައިވެސް ކުރިއަށް ގެންދަވައިފިއެވެ. ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ފަށާފައިވަނީ އިއްޔެގައެވެ. މިގޮތުން މިއަދު ޖުމްލަ 22 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ ބަހުސްކުރައްވަން ފުރުޞަތަށް އެދިވަޑައިގެންނެވި މެންބަރުންގެ ތެރެއިން، ޖަލްސާއަށް ހާޟިރުވެވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު އެރުވުމަށްފަހުގައި ހަވީރު 04:23 ގައެވެ.

ޤާނޫނުއަސާސީގެ 96 (ހ) ވަނަ މާއްދާގައި ބަޔާންކުރަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެކުރީން އެ އަހަރަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މަލީއަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.

2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވަނީ 30 އޮކްޓޯބަރު 2013 ގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 20 ނޮވެންބަރު 2013 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.