2014 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ މުޤައްރިރުކަމަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަދި ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް މިއަދު ހޮއްވަވައިފި

_CHR1044 ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 120 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، 2014 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ މުޤައްރިރުކަމަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަދި ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް މިއަދު ހޮއްވަވައިފިއެވެ. ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވަވާފައިވަނީ ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 12 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

އަދި ކޮމިޓީގެ ހިންގާ ގަވައިދަކީ 2012 ވަނަ އަހަރު ބަޖެޓް ކޮމިޓީގައި ޢަމަލު ކުރައްވަމުން ގެންދެވި ގަވައިދުކަމުގައިވެސް ނިންމެވިއެވެ.

މީގެއިތުރުން، މިއަދުގެ ބައްދަލުވުމުގައި މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓް، މިހާރުގެ ސަރުކާރުން އެންޑޯސްކުރައްވާނެތޯ ނުވަތަ ނޫންތޯ އޮޅުންފިލުވުމަށް، ދެން އޮންނަ ބަޖެޓް ކޮމިޓީގެ ބައްދަލުވުމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ކޮމިޓީއަށް ވަޑައިގެން އެދި ދެންނެވުމަށް ނިންމެވިއެވެ.

މިއަދު ބޭއްވުނު ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ ބައްދަލުވުމަށް، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންވެސް ހާޒިރުވެވަޑަގެންނެވިއެވެ. އެއީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، މަޑުއްވަރު ދާއިރާގެ މެންބަރު ވިސާމް ޢަލީ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މީދު ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީޙް މުޙަންމަދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލްއެވެ.