މިނިސްޓަރ އޮފް ސްޓޭޓް އެޓް ދަ ފޮރިން އެންޑް ކޮމަންވެލްތް އޮފިސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

 

_CHR9587 (2)މިނިސްޓަރ އޮފް ސްޓޭޓް އެޓް ދަ ފޮރިން އެންޑް ކޮމަންވެލްތް އޮފިސް ރައިޓް އޮނަރަބަލް ހިއުގޯ ސްވަޔަރ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، 2013 ނޮވެންބަރު 17 ވަނަދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބު ނިމިގެން ދިޔުމުން ރާއްޖޭގައި ސިޔާސީ ގޮތުން އަމާން ވެއްޓެއް ޤާއިމްވުމަށްޓަކައި ސިޔާސީ ކަންތައްތައް ޙައްލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުން އަދާ ކުރެވޭނެ ދައުރާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެ މި ފަށާފައިވާ ޑިމޮކްރަސީގެ ދަތުރުގައި މިހާހިސާބަށް އާދެވުނުއިރު ރާއްޖެ މި ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައިކަން ފާހަގަކުރައްވައި، ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކޮށް ކުރިއެރުވުމަށްޓަކައި ކޮމަންވެލްތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މިއަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފްވެރި އަދި ހާމަކަންބޮޑު އިންތިޚާބަކަށް ހެދުމަށްޓަކައި ކޮމެންވެލްތްގެ ތެރެއިން ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މރ. ޖޯން ރަންކިން  އާއި އެސިސްޓަންޓް ޕްރައިވެޓް ސެކްރެޓަރީ މރ. ޖޭމްސް ޕެރީ އާ ބްރިޓިޝް ހައިކޮމިޝަންގެ މޯލްޑިވްސް ޕޮލިޓިކަލް އޮފިސަރ އަލްފާޟިލާ ފެޒްލީން ސަލީމް ބައިވެރިވެވަޑައިގެންފައިވެއެވެ.